ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޑރ. ޝާހް މާހިރު ޢައްޔަނުކޮށްފިއެވެ.
މިދިޔަ ސަރުކާރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޝާހް އެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ އިއްޔެވެ.
ސާހް ހެލްތުގެ މަގާމަށް ވަޑައިގަތީ ޖޭޕީގެ ސްލޮޓެއްގައި ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އޭނާ ވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ.
އިނގިރޭސިވިލާތުން މަތީތައުލީމާއި އެމްބީބީއެސް ފުރިހަމަކުރެއްވި ޑރ. ޝާހް ވަނީ އެ ގައުމުގެ ލަންޑަންގެ އެކި ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
އިންގްލެންޑްގެ ޖެނަރަލް މެޑިކަލް ކައުންސިލްގެ ލައިސަންސް ވެސް އޮންނަ ޝާހްގެ ބައެއް ލިޔުންތައް މެޑިކަލް ޖާނަލްތަކުގައި ވެސް ޝާއިއުކޮށްފަވެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެމްޓީސީސީ، އެމްއާރުޑީސީ އަދި އެމްޕީއެލްގެ ސީއީއޯކަމާއި، އެމްޑީކަން ވެސް ކުރައްވާފައިވާ އަބުދުއްރައްޒާޤް ހަލީމް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!