ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަށް ބޭނުންވާ ހިލަ ހިފައިގެން މިދިޔަ ޖުލައި މަހު އެ ސިޓީ އަށް ދިޔަ ބާޖު ފަރަށް އެރުމުން އޭގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން (އީޕީއޭ) އިން ނިންމައިފިއެވެ.

"އޮލިމްޕިކް ކަންޑިލޯ" ނަމަކަށް ކިޔާ މި ބާޖު ފަރަށް އަރާފައި ވަނީ މި އަހަރުގެ ޖުލައި 7 ގައެވެ. އެ ބާޖުގެ ވެރި ފަރާތަކީ ސިންގަޕޫރުގެ އެފްރީސިއަން ޕްރައިވެޓް ލިމިޓެޑެވެ. އެ ބާޖްގެ އެޖެންޓަކީ ރާއްޖޭގެ މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑެވެ.

Ad
rt

އީޕީއޭ އިން ބުނީ ފުވައްމުލަކު ސިޓީގެ ފަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކުރަން ސާވޭއެއް ކުރިޔަށް ގެންދެވުނު ކަމަށާއި ސާވޭއިން ދައްކާ ގޮތުން ފުވައްމުލަކު ފަރުގެ 4،306 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަޙައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަން ދެނެގަނެވިފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ފްރީސިއަން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖުރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުންނެވެ. ފުވައްމުލައް ފަރުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 162,745,500ރ އެވެ. އެކަމަކު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100,000,000ރ. އެވެ.

ޖޫރިމަނާ ކުރި 100 މިލިޔަން ރުފިޔާ ދައްކަން އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގައެވެ.

އީޕީއޭއިން ބުނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ 10 ވަނަ މާއްދާގެ ދަށުން ބާޖުގެ ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މި ޖޫރިމަނާއާ ގުޅިގެން އިސްތިއުނާފު މަރުހަލާ ނިމުމުން އެޓާނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.