ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލް ގައި މުޅިން އާ ދެ ފުޑް އެންޑް ބެވަރެޖް (އެފްއެންޑްބީ) އައުޓްލެޓް ހުޅުވައިފިއެވެ.
އިއްޔެ ހުޅުވި އެފްއެންޑްބީ ދެ އައުޓްލެޓަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސްހޯސްޓް، އިން ހުޅުވި ދެ އައުޓްލެޓެވެ. ވީއައިއޭ ޑިޕާޗާ ޓާމިނަލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ދެ އައުޓްލެޓް ހުޅުއްވައި ދެއްވީ އެމްއޭ.ސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ މެނޭޖިން ޑިރެކްޓަރު، އާމިރު މަންސޫރު އަދި އެޗްއެމްއެސްހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރު ސްރަވަން ޕަޓްނައިކެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ގްރޭޕް އެކްސްޕެކްޓޭޝަންސް އަދި އެޗްއެމްއެސްހޯސްޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ވީއައިއޭ އިންޓާނެޝަނަލް ޑިޕާޗަ ފޯކޯޓް ގައި ދެ އައުޓުލެޓް ހުޅުވުމަށް އެމްއޭސީއެލް އިން ނިންމީ އެ ސަރަހައްދުން ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފޯރުކޮށްދިނުމުގެ އިތުރުން ދަތުރުވެރިންނަށް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކަމަަށް އެ ކުންފުނިން ބުންޏެވެ.
ގްރޭޕް އެކްސްޕެކްޓޭޝަން އިން ހުޅުވި އައުޓްލެޓްއަކީ އެ ކުންފުނީގެ އަމިއްލަ ބްރޭޑެއްކަމަށްވާ "ދަ ގްރޭޕް" އެވެ. މިއީ އެކުންފުނީގެ މިފަދަ ފުރަތަމަ އައުޓްލެޓެވެ. އަދި އެޗްއެމްއެސްހޯސްޓް އިން ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ، އަދި ގްރެބް އެންޑް ފްލައި ހިންގާ އައުޓްލެޓެކެވެ. މި ދެ ކުންފުންޏަކީ 2018 އިން ފެށިގެން އެއާޕޯޓުގައި ރެސްޓޯރަންޓް ހިންގަމުން އަންނަ ދެކުންފުންޏެވެ.
އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ވީއައިއޭއިން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތް ފޯރުކޮށްދިނުންކަމަށެވެ. އަދި މި ދެ އައުޓްލެޓުން ދަތުރުވެރިންނަށް ރަނގަޅު ޙިދުމަތެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!