މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށްޓަކައި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އިލެކްޝަންސް ކޮމިޝަން (އީސީ) ފޯމް ހުށަހަޅުއްވައިފިއެވެ.

އާޒިމާ ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ. އާޒިމާގެ އިތުރުން، ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން ކައުުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް އިއްޔެ ވަނީ ފޯމް ހުށަހަޅުއްވައިފައެވެ.

Ad
rt

އާޒިމާ ވިދާޅުވެފައިވަނީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ، އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުންނެވި ބޭފުޅެއް ކަމަށްވާތީ އާއި ރައްޔިތުންނާ ގާތުން ހިދުމަތްކުރުމުގެ ޝައުގުވެރިކަން ހުންނެވީމަ ކަމަށެވެ.

އަދި މާލެ ސަރަހައްދުގެ ހަގީގީ މާނައިގައި ތަރައްގީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށާއި އެކަންކަން ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާ ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އަތޮޅުތަކާއި، ރަށްރަށުގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ، ޒަމާނުއްސުރެ ވެރިކަމުގެ ފަރާތުން އައްޔަނުކުރައްވަމުން ގެންދެވި ކަތީބުންނާއި، އަތޮޅުވެރިންނާއި އަވަށުވެރިންގެ ދައުރު ނިމުމަކަށް ގެނެސް، ރައްޔިތުންގެ ސީދާ އިންތިޚާބުން އިޚްތިޔާރުކުރާ ބަޔަކަށް މާލެއާއި އަތޮޅުތައް އަދި ރަށްރަށުގެ ހިންގުން ޙަވާލު ކުރަން ޖެހޭ ކަމަށެވެ. ގާނޫނުއަސާސީން، ހިންގުމުގެ އޮނިގަނޑަށް ގާނޫނީ ބަދަލެއް ގެނެވުނު ނަމަވެސް، ހިންގުމުގެ އޮނިގަނޑުގެ މުހިންމުކަމަށާއި ރައްޔިތުންގެ ބޭނުންތަކަށް ބަދަލެއް ނާންނަ ކަމަށް ވިދާޅުވިއެވެ.

މޭޔަރުގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށާއި ހުސްވެފައިވާ ތިން ދާއިރާ އަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 13 ގައެވެ.

މާލޭގެ މޭޔަރުގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އަދި ތިން ކައުންސިލަރަކު އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ދެން ފާޅު ކުރައްވާފައި ވަނީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއެވެ. މި ބޭފުޅުންގެ ތެރެއިން މިހާތަނަށް އައިއިރު ފޯމް ހުށަހަޅުއްވާފައި ވަނީ އާޒިމް އާއި އާޒިމާ އެކަންޏެވެ. ސައިފާއި ހުސެއިން ވަހީދު މިއަދުގެ ވަގުތެއްގައި ފޯމް ހުށަހެޅުއްވުމަށް ހަމަޖެހިފައިވެއެވެ.