ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އޭޑީބީ ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސިންޑީ މަލްވަޗީނީއެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޠާރިޤް އިބްރާހީމާއި، އޭޑީބީ ގެ އޮފިޝަލުންނާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެގްރީމަންޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ 'އެކްސަލަރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ' (އެޝުއާ) ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ޕަވަ ޕާޗޭސިން އެގްރީމެންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތަކެއް ގާއިމުކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މި ނިޒާމުތަކަށް ޤާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމާއި މިރަށްރަށުގު ކަރަންޓު ވިއުގައިގެ ޙާލަތު ރަނގަޅުކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން އެއް ރަށުގައި ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރުމާއި އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޕައިލެޓްކުރުން ވެސް ހިމެނެއެވެ. އަދި މިޕްރޮޖެކްޓުގެ ދަށުން 'މަގޭ ސޯލަރ ޕްރޮގްރާމު' ގެ ފުރަތަމަ ފިޔަވަހީގެ 03 މެގަވޮޓު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ޚަރަދުކުރުމާއި އިރުގެ އަލި ބޭނުންކޮށްގެން ކަރަންޓު އުފައްދައި އެކަރަންޓުގެ އެހީގައި ހިންގާގޮތަށް އެއް ރަށުގައި ކޮމިއުނިޓީ އިރިގޭޝަން ސިސްޓަމަކާއި ކޮމިއުނިޓީ ފާމިން ޑިވެލޮޕްމަންޓް ޕްރޮގަރާމެއް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިޕްރޮޖެކްޓުތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ލީޓަރުގެ ޑީސަލު ސަލާމަތްކުރެވި އޭގެ ސަބަބުން އަހަރަކު 26 ހާސް ޓަނުގެ ވިހަ ގޭސް ޖައްވަށް ބޭރުކުރުން މަދުކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތާރިޤް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުއާހަދާގެ 28 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް މި ޕްރޮޖެކްޓްގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކަށް މަލީއެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!