ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީ ގައިދީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް (އެމްސީއެސް) އިން ބުނީ، އެއީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށެވެ.

Ad
rt

އުމުރުން 59 އަހަރުގެ ޕީޓާ ތޯމަސް ޑަސް ކިޔާ މި މީހާ ކުއްލިއަކަށް ހޭނެތިގެން އޭނާ ހުންނަ ގޮޅީތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައިކަމަށް ކަރެކްޝަނުން ބުންޏެވެ.

''މާފުށީ މެޑިކަލް ސެންޓަރަށް ގެންގޮސް ބެލުމަށްފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ 16:01 ގައި އޭނާ ހިތްހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައި'' ކަރެކްޝަންސް އިން ބުނެފަވެއެވެ.

ޕީޓާ ތޯމަސް ޑަސް އަކީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

އޭނާ މަރުވުމާއި ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން އެކަން ކަމާބެހޭ ފަރާތްތަކަށް އަންގާފައިކަމަށް އެ ސާވިސަސްއިން ބުނެއެވެ. މިގޮތުން އެ ސާވިސަސް އިން މިކަން ވަނީ އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.