މަސްވެރިންގެ ޤައުމީ ދަފުތަރެއް ގާއިމުކޮށް، މަސްވެރިންގެ އަގުވަޒަންކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.

ދިވެހި މަސްވެރިންގެ ޤައުމީ ދަފުތަރެއް ޤާއިމުކުރަން ސަރުކާރުން ނިންމާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ނިންމުން ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ.

Ad
rt

މި ކަމަކީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 މަގުޗާޓު ''ހަފުތާ 14'' ގައިވެސް ހިމަނާފައިވާ ކަމެކެވެ.

ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު މި ދަފުރަތާގުޅޭގޮތުން ވިދާޅުވީ، މަސްވެރިންގެ އަގުވަޒަންކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެކަމަށްޓަކައި އެންމެ އިސްކަމެއްގެ ގޮތުގައި ސަރުކާރުން ނިންމާފައި ވަނީ ދިވެހި ދައުލަތަކީ، ދިވެހި މަސްވެރިންނަކީ ކޮބައިކަން ދަންނަ، ދައުލަތަކަށް ހެދުން ކަމަށެވެ.

މިކަމަށްޓަކައި ދިވެހި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލަން ވަޒީރުންގެ މަޖިލީހުގެ އިއްތިފާޤުން ވަނީ ފާސްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ދަފުތަރުގެ ބޭނުމަކީ، ދިވެހި މަސްވެރިންނަށް ދިމާވާ މާލީ އިޤްތިޞާދީ އެކިއެކި ދަތިތައް ހައްލުކުރެވޭނެ މަގުތައް ފަހިކޮށްދިނުން ކަމަށެވެ. މިގޮތުން، ދިވެހި މަސްވެރިން ބޭންކުގެ ނިޒާމުގެ ތެރެއަށް ވަދެވޭނެގޮތް ފަހިވެގެންދާނެ ކަމަށް ވިދާޅުވެފަ ވެއެވެ.

''މިކަމުގެ ސަބަބުން މަސްވެރިންނަށް، މަސްވެރިކަން ދަށް ދުވަސްވަރު ނުވަތަ މަސްވެރިންގެ ބަހުރުވައިން ނަމަ، "އަޑިއަޅައިލާ ދުވަސްވަރު" ދިވެހި ދައުލަތުން މަސްވެރިންގެ އަތުގައި ހިފޭނެގޮތް ފަހިވެގެންދާނެ. މަސްވެރިކަމާ ގުޅުންހުރި އެކިއެކި މަސައްކަތް ފަށައިގަތުމަށާއި ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން، ބޭންކް މެދުވެރިކޮށް ފަހިކޮށްދެވޭނެ. އެކަމާ ބެހޭ އުސޫލުތައް ސަރުކާރުން އެކުލަވައިލައި، ދިވެހި މަސްވެރިންނަކީ ވަރަށް ޒަމާނީ، ވަރަށް ޤަދަރުވެރި، ވަރަށް ޤަދަރު އުފުލިގެންވާ، ފުދުންތެރި ބަޔަކަށް ހެދުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ.'' ރައީސް ވިދާޅުވެފަވެއެވެ.

މި ދަފުތަރުއެކުލަވާލުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭޭ ވުޒާރާއިން ވަޒީރުންގެ މަޖިލިސްއަށް ހުށަހެޅުއްވި ކަރުދާހުގައިވާގޮތުން މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއްބޭނުމަކީ، މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީ ވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތް ދަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

މިއާއެކު މިފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީ ފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި މި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

މިދަފުތަރުގައި މަސްވެރިންގެ ގޮތުގައި ކަނޑައަޅާ ފަރާތަކީ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އާމުދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން ކަމުގައި ހިމެނޭ ނުވަތަ އާމުދަނީގެ ބޮޑުބައެއް ޙިއްޞާކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީންކަމުގައި ހިމެނޭ ފަރާތަކަށް ވާންޖެހެއެވެ.