ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުއްޖަކަށް ހަމަލާދީފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ޚަބަރު ފެތުރިފައިވިޔަސް އެފަދަ މައްސަލައެއް މިހާތަނަށް ފުލުހުންގެ ޚިދުލަތަށް ހުށަހެޅިފައިނުވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ރޭ ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުޑަކުއްޖަކަށް ހަމަލާދިން ކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރުނެވެ.

Ad
rt

އެކަމާއިގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓެއް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ރޭ ހަމަލާދީފައިވާ ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރިފައި ވިޔަސް އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ނަމަވެސް، އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެ ކަންތައް ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި، އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކު ވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކު ވޭތޯ ބެލުމަށް އެ ސަރަހައްދުގެ މީހުންނަށް ސުވާލުކުރެވިފައިވާކަމަށް ފުލުހުން ބުނެފަވެއެވެ.

މީގެ އިތުރުން އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް ހޮސްޕިޓަލުތަކާއި ކްލިނިކުތަކުން ފަރުވާހޯދަން ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެންހުރި ސީސީޓީވީ ފޫޓޭޖު ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާނަމަ ފުލުހުންގެ ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.