މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ރަސްމީކޮށް މާދަމާ ރޭ ފަށަން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ، މާލެ ސިޓީ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޖަލްސާއަށް މާދަމާ ރޭ ބާއްވަން ވަނީ ނިންމާފައެވެ.

Ad
rt

މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ މާލޭ ސޯސަން ޖަގަހަ ކުރިމަތީގައެވެ. ޖަލްސާ ފަށަން ނިންމާފައި ވަނީ މާދަމާ ރޭ 20:30 ގައެވެ. މި ކެމްޕޭނަށް އެ ޕާޓީން ކަނޑައަޅާފައިވާ ޝިއާރަކީ ''ފެހި ތަނަވަސް މާލެ'' އެވެ.

މި އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

އާދަމް އާޒިމް

އާޒިމް ވަނީ އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އިން ފައިނޭންސިން އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފައެވެ.

ވޭތުވެދިޔަ ވިހިވަރަކަށް އަހަރުގެ ތެރޭގައި އާޒިމް ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ އިސް މަގާމުތަކެއްގައި ގައުމަށް ހިދުމަތްކުރައްވާފައެވެ. އެގޮތުން އެމްޓީސީސީގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަން ވަނީ އަދާކުރައްވާފައެވެ.

ނިމުނު ސަރުކާރުގައި އެންމެ މުހިންމު މަޝްރޫޢުތައް ހިންގައި، ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެންމެ ގިނަ މަސައްކަތްތަކެއް ފުރިހަމަކޮށްފައި ވަނީ އާދަމްގެ މާލިމީ ކަމުގެ ދަށުގައި ހިންގި އެމްޓީސީސީންނެވެ. މި ދިޔަ ސަރުކާރުގައި އާޒިމް އިސްވެ ހުންނަވައި ރަށްތަކުގެ ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، މަގު ހެދުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، އެއާޕޯޓް އެޅުމާއި، ހޮސްޕިޓާތައް ތަރައްގީ ކުރުމަށް އިމާރާތްތައް އެޅުންފަދަ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ފެށި އާރުޓީއެލް ފެރީގެ ޚިދުމަތާއި، މާލެ ސަރަހައްދާއި ބައެއް ބޮޑެތި ރަށްތަކަށް ތަޢާރަފްކުރި އާރުޓީއެލް ބަހުގެ ޚިދުމަތްފަދަ ރައްޔިތުންނަށް ފަސޭހަކަން ގެނެސްދިން ގިނަ ކަންތައްތަކުގެ މައި ''ސިކުނޑި'' އަކީ އާޒިމް އެވެ.

އެމްޑީޕީގެ ޓިކެޓްގައި މާލެ ތިން ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުން

މެދު ހެންވޭރު ދާއިރާ
އަޙްމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ

ހެންވޭރު ދެކުނު ދާއިރާ
ޙައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ

މާފަންނު ދެކުނު ދާއިރާ
އަޙްމަދު ޢިމްރާން – މ. ފަޅުމަތީގެ / މާލެ

މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، އަންނަ ޖެނުއަރީ 13 ވަނަ ދުވަހުއެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް އެމްޑީޕީގެ ޓިކެޓްގައި އާޒިމް ވާދަކުރައްވާއިރު، ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަނީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހެވެ. ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރެވެ.

ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދު ވެސް މި ރޭހުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާއިރު، ހުސެއިން ވަހީދު ވާދަކުރެއްވުމަށް ހަމަޖެހިފައި ވަނީ މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓިކެޓުގައެވެ.