ދަ ޑިމޮކްރެޓިކްސް އަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އާ ހިތްވަރަކާއެކު ފަށާފައިވާކަމަށް އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ބުނެފިއެވެ.
ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި އެންމެ ބޮޑު އިންސަތައަކާއެކު މަގާމު ކާމިޔާބުކުރި ހަމްދާ ''އެކްސް''ގައި ބުނީ އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އާހިތްވަރަކާއި އެކު އަނެއްކާވެސް ފަށާފައިވާ ކަމަށެވެ.
ހަމްދާ ވަނީ، ސިޔާސި މަސްރަހު މިހާ ހަލަބޮލި ދަނޑިވަޅެއްގައި ދެވަނަ ވިސްނުމަކަށް ނުގޮސް ޑިމޮކްރެޓްސް އަށް ސޮއި ކުރަމުން ދާ މީހުންނަށް މަރުޙަބާ ކިޔާފައެވެ.
ދަ ޑިމޮކްރެޓިކްސްގެ ވިމެން ޑިމޮކްރެޓްސް ލީޑަރު އުމުރުން 21 އަހަރުގެ، ހަމްދާ އަކީ ވަރަށް ހަރަކާތްތެރިކަމާއެކު އެ ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޒުވާން ލީޑަރެކެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ޑިމޮކްރެޓްސްގެ މެންބަރުންގެ ޢަދަދު އެ ކޮމިޝަނުން އެންމެ ފަހުން އަޕްޑޭޓް ކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހާއި ހަމައަށް އީސީގެ ދަފުތަރުގައި ހިމެނޭ ޑިމޮކްރެޓުންގެ އަދަދަކީ 3280 އެވެ. ނަމަވެސް ޑިމޮކްރެޓްސްގެ ދަފުތަރަށް ބަލައި، އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި 5000 އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓު ލުމުގެ ހައްގު ވަނީ ދީފައެވެ.
މި ޕާޓީގެ ފުރަތަމަ ރައީސްގެ މަގާމަށް އިންތިޚާބުވެފައި ވަނީ، ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ. އެ ޕާޓީގެ ޒުވާނުންގެ ނައިބު ރައީސް އަކީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ. އަދި ޕާޓީގެ ނައިބު ރައީސް (އަންހެން) އަކީ އައިޝަތު އަލައިކާ އަދުނާން އެވެ. އެ ޕާޓީގެ ޔަންގް ޑިމޮކްރެޓްސް ލީޑަރަކީ މުހައްމަދު މާސިހު (މާޗީ) އެވެ. ޔަންގް ޑެމް ޑެޕިއުޓީ ލީޑަރަކީ ފިތުރާ މުހައްމަދު އެވެ.
ދަ ޑިމޮކްރެޓިކްސް ރަޖިސްޓްރީކޮށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި މި ޕާޓީ ހިމަނާފައިވަނީ 12 ޖުލައި 2023 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!