ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމުކަމަށްވާ އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކާއި ބައިނަލްއަޤްވާމީ އެހެން ބައެއް ނޫސްތަކުން ވެސް ވަނީ އިންޑިއާއިން ވަގުތީގޮތުން މި ފިޔަވަޅު އަޅާފައިވާކަމަށް ބުނެފައެވެ.

Ad
rt

އިންޑިއާގެ ''އިންޑިއާ ޓްޑޭ'' ނޫހުން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ސަރުކާރުން ފިޔާގެ ބޭރުކުރުން ވަގުތީގޮތުން މަނާކުރީ ޤައުމުގެ އެތެރޭގެ ފިޔާގެ ސްޓޮކް ރަނގަޅު ކުރުމަށާއި ފިޔާގެ އަގުތައް ބޮޑުވިޔަ ނުދިނުމަށެވެ. އަންނަ އަހަރުގެ މާރިޗްގެ 31 ގެ ނިޔަލަށް މި ފިޔަވަޅު ދަމަހައްޓަން އެ އިންޑިއާ ސަރުކާރުން ނިންމާފައިވާކަމަށް އެ ނޫހުގައި ބުނެފަވެއެވެ.

ނޭޕާލުގެ ''މައި ރިޕަބްލިކާ'' ނޫހުގައި ރިޕޯޓުކޮށްފައިވާގޮތުން އިންޑިއާ ސަރުކާރުން މިދިޔަ ބުދަ ދުވަހު ނެރުނު ނޯޓިސްއެއްގައި އެ ގައުމުގެ ފޮރިން އެކްޓްގެ ދަށުން އަންނަ އަހަރުގެ މާރިޗްގެ ނިޔަލަށް އެ ޤައުމުން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރިނަމަވެސް މިހާތަނަށް ފައިސާ ދައްކާފައިވާ ޝިޕްމަންޓުތަކާއި، ފުރުވާލުމަށް ތައްޔާރުކޮށްފައިވާ ޝިޕްމަންޓުތައް މި ނިންމުމުން އިސްތިސްނާވާނެއެވެ.

މީގެ ކުރިން އޯގަސްޓް މަހު އިންޑިއާއިން ވަނީ މުހިންމު އިންތިޚާބުތަކުގެ ކުރިން އިންފްލޭޝަން ކޮންޓްރޯލް ކުރުމުގެ މަސައްކަތެއްގެ ގޮތުން ފިޔާ އެކްސްޕޯޓް ކުރުމަށް %40 ކަސްޓަމްސް ޑިއުޓީ ނަގަންވެސް ނިންމާފައެވެ.

އިންޑިއާގެ ''ޓައިމްސް އޮފް'' އިންޑިއާއިން ބުނެފައިވާ ގޮތުގައި އަންނަ އަހަރު އެ ޤައުމުގައި އޮންނަ އާންމު އިންތިޚާބާއި ދިމާކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ފިޔާ، ހަކުރު އަދި ހަނޑޫ އަގުބޮޑުވުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އެ ނޫހުން ބުނެއެވެ. އެ ގައުމުގެ ސަރުކާރުން ކުރިން ކުރިން ފިޔާ އެކްސްޕޯޓު ކުރުން ހަނިކުރިނަމަވެސް މާކެޓްގައި ފިޔާގެ އަގުދަށްވެފައިނުވާ ކަމަށާއި، އެހެންވެ އިތުރަށް ފިޔާގެ އަގު މައްޗަށް ދިޔަ ނުދިނުމަށް މޯދީގެ ސަރުކާރުން ފިޔާ ބޭރުކުރުން މަނާކޮށްފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފަވެެއެވެ. މީގެ އިތުރުން ހަކުރާއި ހަނޑުލުގެ އަގު މައްޗަށް ދިޔަ ނުދިނުމަށް ވެސް ފިޔަވަޅުތައް އަޅަމުން އަންނަކަމަށް އެ ނޫހުގައި ބުނެފަވެއެވެ.