ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ.
އައްމަޓީގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައެވެ. އޭނާއާ ދެކޮޅަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކުރާ އިރު، އައްމަޓީ ރާއްޖެ އިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް މީގެކުރިން އޮތީ ހިފަހައްޓައިފައެވެ.
އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ދައުލަތުން ކުރެއެވެ.
ކްރިމިނަލް ކޯޓުން ބުނީ އައްމަޓީގެ މެޑިކަލް ލިޔުންތަކަށް ބަލާއިރު، އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮންނަ އިރު، މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތުގައި ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށެވެ.
އައްމަޓީގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަން އޭނާ ފާހަގަކޮށްފައިވާތީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ޕާސްޕޯޓް މަނާކުރަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ސަސްޕެންޑް ކުރީ އިއްޔެ އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ 11:00 އާ ހަމައަށެވެ.
އައްމަޓީ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލައިފައެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!