ރައްޔިތުންގެ މަޖިލިހުގެ ދައުރު މި މަހުގެ 18 ގެ ނިޔަލަށް ދަންމާލުމަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވީ މަޖިލިހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނިމުމަކަށް އައިސްފައިވާ އިރު، ދައުލަތުގެ ބަޖެޓު ފާސް ކުރުން ހިމެނޭ ގޮތަށް މި ދައުރުގައި މަޖިލިހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށެވެ.

Ad
rt

މަޖިލިހުގެ ތިން ވަނަ ދައުރު އެންމެ ފުރަތަމަ ދަންމާލަން ފާސް ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ދުވަހުގެ ޖަލްސާގައި ނިންމާފައި ވަނީ މާދަމާގެ ނިޔަލަށް މަޖިލިހުގެ ދައުރު ނިންމާލުމަށެވެ. މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާ ގޮތަށް އޮންނަނީ މި މަހުން ފެށިގެންނެވެ.

އަސްލަމް ވިދާޅުވީ މަޖިލިހުގައި ކުރަން ޖެހޭ މަސައްކަތްތައް އަދި ނިމިފައި ނުވާތީ އަދި މަޖިލިހުގެ ގަވައިދުގެ 214 ވަނަ މާއްދާގެ (ހ) ގައި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މަސައްކަތް ނިންމައި ހިނގަމުންދާ ދައުރުގެ ހަތް ދުވަސް ކުރިން ބަޖެޓާ މެދުގައި ގޮތެއް ނިންމުމަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވާތީ މަޖިލިހުގެ މި ހިނގާ ތިން ވަނަ ދައުރު ޑިސެމްބަރު 18 ގެ ނިޔަލަށް އިތުރު ކުރުމާ މެދުގައި ވޯޓަށް އެހުމަށް ނިންމަވާފައިވާ ކަމަށެވެ.

"އެހެންކަމުން މިއަދުގެ ވޯޓު ގަޑީގައި އެ ވޯޓަށް އެހުން އޮންނާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ މި ދައުރުގެ ބޮޑުބައި ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ކުރިއަށް ނުގެންދެވިއެވެ. އެ މައްސަލަ ތާވަލު ނުކުރުމާއި މަޖިލީހުގައި ކުރިއަށް ދިޔަ އިހުތިޖާޖުތަކާ ހެދި މަޖިލީހުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވިއެވެ.