ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ " ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ 21 އަހަރުން ދަށުގެ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަ ޓީމަށެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަށާއި އެ އަތޮޅު ތެރެއިން ދެ ޓީމަށެވެ.

Ad
rt

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޓްސަލް ކުޅޭ 21 އަހަރުން ދަށުގެ ޒުވާނުންނަށް މުބާރާތްކުޅެ، ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، އެ ރަށުގެ ކްލަބް ޖަމިއްޔާތަކާއި އެކަޑާމީތަކާއި އަމިއްލަ އިސްނެގުމުގެ މަތީން ކުޅުންތެރިން އަދި ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.

މި މުބާރާތުގައި ޓީމް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މިރޭ 23:00 ގެ ކުރިން ސަބްމިޓް ކުރުމަށް އެ ކްލަބުން އެދެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 3000 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.