ލޮރެންޒޯ ޕާކް ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ ހއ. ހޯރަފުށީ/ނޫރީގޭ، އަހުމަދު އަރުހަމް މަރާލި މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުންގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.
މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި އަރުހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ.
އޭގެ ތެރެއިން ވިސާމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރު މަރުގެ ހުކުމް އިއްވިޔަސް، ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އޮތީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި އެކަށީގެންވާ ސަބަބުތަކެއް ބަޔާން ކޮށްފައިނުވާ ކަމަށެވެ.
އެހެންކަމުން ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އެންގީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!