ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އެ ރަށުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މަސްރޭސް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އިޖުތިމާއީ އެއްބައިވަންތަކަން އިތުރު ކުރުމާއި، މަސްވެރިކަމުގެ ރޫހު އާލާކޮށް ދިރުވައި އަދި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމެވެ.
މި މަސްރޭހުގައި 18 އަހަރުން މަތީގެ ދެ ޖިންސްގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ވާއިރު، މަސްރޭސް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ 14:00 އިން އެ ރޭ 20:00 ގެ ނިޔަލަށެވެ.
މި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނަ ހޮވަން ނިންމާފައިވާއިރު، ވަނަ ކަނޑައަޅާނީ ބާނާ މަހުގެ ޖުމްލަ ބަރުދަނަށް ބަލައިގެންނެވެ. އެއްވަނައަށް 5000 (ފަސްހާސް) ރުފިޔާ، ދެވަނައަށް 3000 (ތިންހާސް) ރުފިޔާ ތިންވަނައަށް 2000 (ދެހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ ގިނަ މަސްބޭނި ފަރާތަކަށް 1000 (އެއްހާސް) ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މި މަސްރޭހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، މި މަހުގެ 6 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!