ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ތުރުކީއަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއި ތުރުކީވިލާތުގެ ރައީސް ވަނީ އަންކާރާގައި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.

Ad
rt

ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް ދެން ވަޑައިގެންނެވީ، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑަގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށެވެ.

މި ދަތުރުފުޅުގައި، ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދުނިޔޭގެ ލީޑަރުންނާއެކު މަތީ ފަންތީގެ މަޝްވަރާތައް ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސް، ކޮޕް28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވާފައިވާއިރު، މި ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވާނެކަމުގައި ކަމަށް ވެސް މި ބަޔާނުގައި ރައީސް ވަނީ ޢިއުލާން ކުރައްވާފައެވެ.