ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގްރަނާޑާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލައިފިއެވެ

ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 2-0 ގެ ނަތީޖާއިން ގްރަނާޑާ ބަލިކޮށްފައެވެ. މި ސީޒަންގައި އަމިއްލަ ދަނޑުގައި ރެއާލުން އަދި މިހާތަނަށް ބަލިވެފައި ނުވެއެވެ.

Ad
rt

ރޭ މެޗަށް ރެއާލް ނުކުތުމުގެ ކުރިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ގްރަނާޑާއެވެ. އެ ޓީމުން ވަނީ 2-1 ގެ ނަތީޖާއިން ވެލެންސިއާ ބަލިކޮށްފައެވެ. ނަމަވެސް ރޭ މެޗުން މޮޅުވުމުން ރެއާލަށް ވަނީ އަލުން ތާވަލުގެ އެއްވަނަ ލިބިފައެވެ. ގްރަނާޑާއާއި ރެއާލަށް ވެސް 15 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ. ރެއާލަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ރެއާލުން ޖަހާފައި ވަނީ 26 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ބްރަހިމް ޑިއާޒް އާއި ޓޯނީ ކްރޫސް ގުޅިގެން އުފެއްދި ހަމަލާއެއްގައި ޑިއާޒް އެވެ. މެޗުގެ ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރިގޯއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ބެލިންހަމް ފޮނުވާލި ބާރު ހަމަލާ ގްރަނާޑާގެ ކީޕަރު އަތުގައި ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޕޮއިންޓް ތާވަލުގެ ތިންވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރު ވަނާގައި އޮތް ބާސެލޯނާ މިރޭ ބައްދަލުކުރާނެއެވެ. މި މެޗު ކާމިޔާބު ކޮށްގެން އެއްވަނާގައި އޮތް ރެއާލާއި ދެވަނާގައި އޮތް ގްރަނާޑާއާއި އޮތްފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އެތުލެޓިކޯއަށް އެބައޮތެވެ. މި މެޗުން ބާސާ ބަލިވެއްޖެނަމަ ބާސާއައި އެތުލެޓިކޯއާއި އޮތް ފަރަގު ތިން ޕޮއިންޓަށް އިތުރު ވާނެއެވެ.