ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުން ހިނގާ ޚަރަދު ދަތުރުފުޅު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރަން ރައީސް ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސް ވަނީ ހަމަޖައްސަވާފަ ކަމަށެވެ.

Ad
rt

ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް މުޢިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުޅެއް ކުރައްވާފައި ވަނީ ތުރުކީވިލާތަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންގެ ދައުވަތަކަށް ނޮވެމްބަރު 27 އިން 29 އަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅަށްފަހު މިމަހުގެ 30 ވަނަ ދުވަހު ވަޑައިގެން ރައީސް މިހާރު ހުންނެވީ އެކުވެރިދައުލަތް، ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ) ގައެވެ.

މިއީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ.