މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

އާޒިމްގެ ފޯމާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

Ad
rt

އާޒިމް ވަނީ އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އިން ފައިނޭންސިން އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފައެވެ.

ވޭތުވެދިޔަ ވިހިވަރަކަށް އަހަރުގެ ތެރޭގައި އާޒިމް ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ އިސް މަގާމުތަކެއްގައި ގައުމަށް ހިދުމަތްކުރައްވާފައެވެ. އެގޮތުން އެމްޓީސީސީގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަން ވަނީ އަދާކުރައްވާފައެވެ.

ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވުމަށް ފަހު، އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަން ރައްޔިތުން އޭނާއާ ހަވާލުކޮށްފި ނަމަ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ލިބިވަޑައިގަންނަވާ ދެ އަހަރާއި ބައިގެ ތެރޭގައި މާލެއަކީ މިއަދު އޮތް މާލެއަށް ވުރެ މާ ހިތްފަސޭހަ، ސަޅި އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހަދާނެ ކަމަށެވެ.

"އަޅުގަނޑު މިއީ ކުރާ މީހެއް ކަން، ކޮށްދޭ މީހެއް ކަން. އެންމެންނާ ގުޅިގެން މަސައްކަތް ކުރާ މީހެއް ކަމަށް އެންމެން ގަބޫލު ކުރާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިގޮތުގައި ހަމަ ހުރެ މާލޭގެ ހުރިހާ ރައްޔިތުންނާ ގުޅިގެން ހުރިހާ މުއައްސަސާއަކާ ގުޅިގެން، ގުޅިގެން މަސައްކަތް ކުރާ ހުރިހާ އެންމެންނާ ގުޅިގެން މަސައްކަތްކޮށް ދިވެހި ރައްޔިތުންނަށް އުފާވެރި، ހިތްފަސޭހަ ދިރިއުޅޭ ހިތުން އުޅޭ މާލެއަކަށް ހަދާފައި އަޅުގަނޑު ހަވާލު ކުރާނީ،" އާޒިމް ވިދާޅުވިއެވެ.

މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވުމުންނެވެ. ރައީސް މުއިއްޒާއެކުގައި މާލެ ސިޓީގެ މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް ވަނީ ހުސްވެފައެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް މިހާތަނަށް އައިއިރު ޝައުގުވެރިކަން ފާޅު ކުރެއްވެވީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދެވެ. އާޒިމާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ އިރު، ހުސެއިން ވަހީދު ވާދަކުރެއްވުމަށް ހަމަޖެހިފައި ވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓިކެޓުގައެވެ. މަހްލޫފް ވާދަކުރައްވާނެ ކަމަށް ބެލެވެނީ އެމްޑީޕީގެ ޓިކެޓުގައެވެ.

މޭޔަރާއި ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ 13 ގައެވެ.