ތުރުކީވިލާތު ވިލާތުން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕްގެ ފުރުޞަތު ދެއްވާނެކަން ޔަޤީން ދެއްވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުން ވަނީ 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕް ފުރުޞަތު ދެއްވާނެކަން ޔަޤީންކޮށްދެއްވާފައި ކަމުގައެވެ. އަދި މި ފުރުޞަތުތައް މިއަންނަ ޖެނުއަރީ މަހު ހުޅުވާލައްވާނެކަމަށް ތުރުކީވިލާތުގެ އިސްބޭފުޅުން ވިދާޅުވެފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެކަމުގައި ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އާ ވެސް ބައްދަލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!