ނޮވެމްބަރު 3، 1988 ވަނަ އަހަރު ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ހަތިޔާރާ އެކު ރާއްޖެ އަރައި ދިން ވަރުގަދަ އުދުވާނީ ހަމަލައާ ގުޅިގެން ހަމަލާގައި މޭސްތިރިޔާ އަބްދުﷲ ލުތުފީގެ ހުކުމްތައް ތަންފީޒުކޮށް ނިމި މިއަދު ބަންދުން ދޫކޮށްލުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ބާޣީ ލުތުފީގެ މައްޗަށް ފުރަތަމަ އައީ މަރުގެ ހުކުމެކެވެ. އެކަމަކު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަހުން އެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރެއްވިއެވެ. އުމުރަށް ޖަލަށްލުން ކަމަށް އޭރާއި މިހާރު ވެސް ގާނޫނީ ގޮތުން ބަލަނީ 25 އަހަރަށެވެ.

Ad
rt

ނަމަވެސް، ހުކުމް ތަންފީޒުކޮށް ނިމެން ހަތަރު އަހަރަށް ވެފައި އޮއްވައި އޭނާ ބޭސްފަރުވާއަށް 2010 ވަނަ އަހަރު އިންޑިއާއަށް ފޮނުވާލުމުން ނުވަ އަހަރު ވަންދެން ފިލައިގެން އުޅުނެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އޭނާ ދިޔައީ 2019 ވަނަ އަހަރު މެއި 01 ވަނަ ދުވަހުއެވެ. ލުތުފީ ލަންކާގެ އެމްބަސީއަށް ދިއުމުން އޭނާ އަށް އެމްބަސީ އިން ހިމާޔަތްދީ، އެތަނުގެ އެޕާޓްމަންޓެއްގައި އޭނާ ބަހައްޓައި އެކަން ސަރުކާރުން ސިއްރު ކުރިއެވެ.

ނަމަވެސް މީސް މީޑިއާއަށް އެވާހަކަތައް ތިލަވުމުން ސަރުކާރުން އެންމެފަހުން ވަނީ ލުތުފީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރިކަމަށް އެއްބަސްވެފައެވެ. ލުތުފީ މާލެ ގެނައީ ޖުލައި 9، 2019 ގައެވެ. ފިލައިގެން އުޅުނު މުއްދަތު އެއީ ތަންފީޒު ނުކުރާ މުއްދަތު ކަމަށް ބަލަން ޖެހޭތީ އެ މުއްދަތަށް ބަންދުގައި ބެހެއްޓުމުން އޭނާގެ ޖަލު ހުކުމުގެ މުއްދަތު މިދިޔަ ޖޫން މަހު ވަނީ ހަމަވެފައެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުމުން ދެން ތަންފީޒުކުރަމުން އައީ ޖަލުން ފިލައިގެން އުޅުމުން އައި ހުކުމެވެ.

ފިލި މައްސަލައިގައި އޭނާ ޖަލަށް ލާން ހުކުމް ކުރީ ހަތް މަސް ދުވަހަށެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލުތުފީގެ މައްޗަށް އެންމެ ފަހުން އިއްވި ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި އެކަމަކު އަދި ދޫކޮށްނުލާ ކަމަށެވެ. އެކަމަކުގެ މިއަދުގެ ވަގުތެއްގައި އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.