ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި، ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 10 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 14,412 މިހާރު ހުރި ހާބަ ބޭސިން ފުންކުރުމާއި، 6000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 414 މީޓަރުގެ އެއްގަމުތޮށި ލުމާއި، 350 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، ރޭމްޕެއް ހެދުމާއި، 2,291 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 60.70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.