ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ހަތިޔާރު އެޅި ބަޔަކު އިސްރާއީލްއާ ގުޅުން ހުރި އިތުރު ބޯޓެއް ރަހީނުކޮށްފިއެވެ.

ލައިބީރިއާގެ ދިދަ ޖަހާފައިވާ ބޯޓު އަތުލައިގަތީ ޔަމަން ކައިރިން ދުއްވާފައި ދަނިކޮށް ކަމަށާއި މިއީ ޒޮޑިއަކް މެރިޓައިމުން ހިންގަމުން އަންނަ ބޯޓެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ބޯޓުގައި 22 ފަޅުވެރިން ތިބި ކަމަށް ބުނާ އިރު، ބޯޓު ހައިޖެކް ކުރި ކަން ނުވަތަ ނޫން ކަން ވެސް އެއްވެސް ހަތިޔާރު އެޅި ބަޔަކު ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

Ad
rt

ފަލަސްތީނާއި ހަމާސް އާ ދެމެދުގައި ހަނގުރާމަ ފެށުނު ފަހުން، ޔަމަންގެ ހޫތީ ހަނގުރާމަވެރިން ވަނީ ބޮޑު އާގު ބޯޓެއް އަތުލައިގެންފައެވެ. ތުރުކީން ފުރައިގެން އިންޑިއާ އަށް ދަތުރު ކުރަމުން ދިޔަ އިސްރާއީލްގެ ބޯޓެއް ކަމުގައިވާ "ގެލެކްސީ ލީޑަރ" ވަނީ ގިނަ އަދަދެއްގެ ފަޅުވެރިންނާ އެކުގައި ރަހީނުކޮށްފައެވެ. ޔަމަންގެ ހޫތީ ހަނގުރާމަވެރިން އެ ބޯޓެއް ހައިޖެކް ކުރިއިރު، އިސްރާއީލާއި ހަމާސްއާ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ ހަތަރު ދުވަހުގެ މުއްދަތަކަށް މިހާރު ވަނީ މެދުކަނޑާލައިފައެވެ.

ޒޮޑިއަކް އިން ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުނިން އެންމެ އިސްކަމެއް ދޭނީ 22 ކްރޫ މެމްބަރުންގެ ސަލާމަތަށް ކަމަށެވެ. ތުރުކީވިލާތުގެ ކެޕްޓަނެއްގެ ބެލުމުގެ ދަށުން ދުއްވާ މި ބޯޓުގައި ރަޝިއާ، ވިއެޓްނާމް، ބަލްގޭރިއާ، އިންޑިއާ ޖޯޖިއާ، ފިލިޕީންސްގެ ރައްޔިތުން ތިބި ކަމަށް ޒޮޑިއަކް އިން ބުންޏެވެ.

ޒޮޑިއަކް އިން ބުނި ގޮތުގައި އެ ބޯޓުގައި އުފުލަމުން ދިޔައީ ފޮސްފޮރިކް އެސިޑެވެ. ކްލަމްވެޒް ޝިޕިންގެ މި ބޯޓުގެ އެއް ވެރިޔާއަކީ އިސްރާއީލްގެ ބިލިއަނަރެއް ކަމަށްވާ އެޔަލް އޮފާސް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ބޯޓު ރަހީނު ކުރީ ކޮން ބައެއް ކަން ނޭނގޭ އިރު، މިކަމުގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލާފައެއް ނުވެއެވެ.

އެކަމަކު، މި ބޯޓު އޮތް ސަރަހައްދަކީ ޔަމަންގެ ހޫތީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުން އަންނަ ސަރަހައްދެކެވެ. އެކަމަކު، ސޯމާލިއާގެ ޕައިރެޓުން ވެސް ދޭތެރެެ ދޭތެރެ އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެއެވެ.

އެމެރިކާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެ ބޯޓު އަތުލައިގަނެ، ރަހީނުކޮށްފައި ވަނީ ހަތިޔާރު އެޅި ބައެއް ކަމަށާއި އެކަން ކުރީ ސީދާ ކޮން ބައެއް ކަން އަދި ނޭނގޭ ކަމަށެވެ. އެ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އިރާންގެ މަދަދު ލިބިފައިވާ ހޫތީން ވަނީ ރަތް ކަނޑުގެ ސަރަހައްދުން އިސްރާއީލްގެ އެއްވެސް އުޅަނދެއް ދަތުރު ކުރާ ނަމަ، އެއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ޔަމަންގެ ހޫތީން ނެރުނު ބަޔާނެއްގައި ބުނީ ދީނީ، ގައުމީ ޒިންމާގެ ދަށުން އަދި އިސްރާއީލާއި އެމެރިކާ އިން ޣައްޒާގައި ކޮންމެ ދުވަހަކު ވެސް ހިންގަމުންދާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ބަލައި ޔަމަންގެ ރައްޔިތުންގެ ޑިމާންޑުތަކާއި ޣައްޒާގައި ތިބި އަނިޔާ ލިބެމުންދާ ރައްޔިތުންނަށް ލުއި ކަމެއް ހޯދައި ދިނުމަށް އިސްރާއީލްގެ ދިދަ އުފުލާފައިވާ ބޯޓުތަކަށާއި އިސްރާއީލް ކުންފުނިތަކުން ހިންގާ ބޯޓުތަކަށާއި އިސްރާއީލްގެ ކުންފުނިތަކުގެ ބޯޓުތަކަށް ހަމަލާ ދޭނެ ކަމަށް ބުނެފައެވެ.

އަދި ބޯޓުތަކުގެ ފަޅުވެރިންގެ ގޮތުގައި ތިބި އިސްރާއީލް މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށާއި އިސްރާއީލްގެ ބޯޓުތަކަށް މުދާ ހަވާލު ނުކުރުމަށް ވެސް ހޫތީންގެ ބަޔާނުގައިވެއެވެ.