ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ތުރުކީވިލާތައްފަހު ދެން ރައީސް ވަޑައިގަންނަވާނީ ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ސަމިޓް ފަށާނީ 30 ނޮވެމްބަރު 2023 ގައެވެ.
ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކޮޕް ސަމިޓަށް ފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!