ވެރިކަން ވެއްޓުމުގެ ސަގާފަތަށް މިހާރު ދިވެހިންގެ ލޯތްބެއްނުކުރާ ކަމަށާއި، ދިވެހިން މިހާރު ލޯބިކުރަނީ ވެރިކަން ދަމަހައްޓަންކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި އިސްކޮށް އުޅުއްވާ ހަސަނާ މިހެން ވިދާޅުވީ، އެ ޕާޓީގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް ޕީޕީއެމް ދޫކުރައްވައި، ސަރުކާރާ އިދިކޮޅު ސިޔާސީ ހަރަކާތެއް ފައްޓަވަން ތައްޔާރުވެވަޑައިގެންފައި ވަނިކޮށެވެ.

Ad
rt

ހަސަނާ މިއަދު ''އެކްސް''ގައި ވިދާޅުވީ، ވެރިކަން ވެއްޓުމުގެ ސަގާފަތައް މިއަދު ދިވެހީން ލޯތްބެއް ނުކުރާ ކަމަށެވެ. އަދި ދިވެހީން މިއަދު ލޯބިކުރަނީ ވެރިކަން ދެމެހެއްޓުމަށް ކަމަށް ވިދާޅުވިއެވެ.

''ދިވެހީން އެދެނީ ވެރިކަމުގެފަރާތުން ކުރާ އުއްމީދުތަކުގަ ކުލަޖެހި ހަމަލޮލަށް އަބަދުވެސް ފެންނަން. ހަމަ އެފަދައިން ގައުމާއި ރަށްޔިތުންގެ ފުދުންތެރިކަން ކުރިއަރާ ދިއުމަށް.'' ހަސަނާ ވިދާޅުވިއެވެ.

ހަސަނާ މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް ޔާމީން ޕީޕީއެމް ދޫރައްވާ އައު ޕާޓީއެއް ހައްދަވަން ވަނީ ނިންމަވާފައެވެ. އަދި އެމަނިކުފާނުގެ ޓީމުގެ ބައެއް މެންބަރުން ދަނީ މި ވެރިކަން ނިންމަންޖެހޭ ކަމަށް ބުނަމުންނެވެ.

ފަސް އަހަރުގެ އިންތިޒާރަކަށްފަހު ޕީޕީއެމް/ޕީއެންސީއަށް ވެރިކަމުގެ ފޮނިމީރުކަން ލިބުނު ދަނޑިވަޅުގައި ބައިބައިވެގެންދާން އެ ފިކުރުގެ ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. އެކަން ދަނީ އެމީހުން މީސްމީޑިއާގައި ހާމަކުރަމުންނެވެ.