ފްރާންސް ލީގުގައި ރޭ ޗެމްޕިއަން ޕީއެސްޖީއާއި މޮނާކޯ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ 5-2 ގެ ނަތީޖާއިން މޮނާކޯގެ މައްޗަށް ކުރި ހޯދާފައެވެ.
ރޭ މެޗުގެ 18 ވަނަ މިނެޓުގައި ލަނޑުޖަހައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ ގޮންސާލޯ ރާމޯސްއެވެ. ރާމޯސްއަކީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ލޯން އެއްބަސްވުމެއްގެ ދަށުން ޕޯޗުގަލްގެ ބެންފީކާއިން އެ ޓީމަށް ގެނައި ކުޅުންތެރިއެކެވެ. ޕީއެސްޖީއަށް ބަދަލުވެ އޭނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ވުމާއިއެކު އެ ޓީމުން ވަނީ އޭނާއާއިއެކު އެއްބަސްވުން އެކުލަވާލައި ދާއިމީ ކޮށްފައެވެ. އެއްބަސުވުމުގެ ދަށުން އެ ޓީމްގައި 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ މަޑުކުރާނެއެވެ.
ޕީއެސްޖީން ލީޑު ނެގިތާ ހަތަރު މިނެޓް ފަހުން މޮނާކޯގެ މިނަމިނޯ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޕީއެސްޖީއަށް ދެވަނަ ފަހަރު ލީޑު ލިބުނީ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން އެމްބާޕޭ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އޭނާގެ ކުރީގެ ކުލަބް ކޮޅަށް ލީގުގައި ޖެހި 10 ވަނަ ލަނޑެވެ. މިއީ ލީގުގައި އޭނާ ޖެހި 178 ވަނަ ލަނޑެވެ.
މެޗުގެ ތިންވަނަ ލަނޑު 70 ވަނަ މިނެޓުގައި ޕީއެސްޖީއަށް ޖަހައިދިނީ ޑެމްބެލޭއެވެ. އޭގެ ދެ މިނެޓް ފަހު ވިޓީނިއާ ވަނީ އެ ޓީމަށް ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. މޮނާކޯގެ ދެވަނަ ލަނޑު 75 ވަނަ މިނެޓުގައި ބަލޮއުން ކާމިޔާބު ކޮށްދިންއިރު މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީގެ ފަސްވަނަ ލަނޑު ޖެހީ ކޯލޯ މުއާނީއެވެ.
މި މޮޅާއިއެކު ޕީއެސްޖީއަށް ވަނީ އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 13 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ނީސް އަށް ވަނީ 12 މެޗުން 26 ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!