ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޚާރިޖީ ވުޒާރާގެ ސްޓޭޓް ވަޒީރުކަމަށް ޢައްޔަނު ކުރައްވާފައިވާ މުހައްމަދު ފަހުމީ ހަސަން އެ މަގާމުން ވަކިކޮށްފިއެވެ.

ފަހުމީ އެ މަގާމަށް އައްޔަނުކުރައްވައި، މަގާމުގެ ލިޔުން ހަވާލުކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

Ad
rt

މަގާމަށް ޢައްޔަނުކުރިތާ ފަސް ވަނަ ދުވަހު އޭނާ މަގާމުން ވަކިކޮށްފައި ވަނީ އޭނާ މަގާމަށް ޢައްޔަނުކުރުމުން ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނިކޮށެވެ. މިކަމަށް ފާޑުކިޔުން އަމާޒުވީ އޭނާ އަކީ އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅަކަށް ވުމުންނެވެ.

ފަހުމީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސަކަށް ހުންނެވި އިރު، އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވި އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ވަނީ ބަލާފައެވެ. އަދި ފަހުމީގެ މައްސަލައިގެ ކޮމެޓީ ރިޕޯޓު ތަޅުމަށް ފޮނުވައި، އޭނާ ސީއެސްސީގެ ރައީސް ކަމާއި މެމްބަރު ކަމުން 2012 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ވަކިކޮށްފައެވެ.

އެ މައްސަލާގައި ފަހުމީ ސުޕްރީމް ކޯޓަށް ވަޑައިގަތުމުން އެ ކޯޓުން 2013 ގައި ނިންމީ އޭނާ ވަކިކުރަން މަޖިލީހުން ނިންމި ހުރިހާ އިޖްރައާތެއް ބާތިލް ކަމަށެވެ. އެހެންވެ ގެއްލުމުގެ ބަދަލު ހޯދަން ފަހުމީ ވަނީ ދަށު ކޯޓުގައި ދައުވާކޮށްފައެވެ. އެ ދައުވާއާއި ގުޅިގެން ސިވިލް ކޯޓުން 2015 ވަނަ އަހަރު، ފަހުމީއަށް ބަދަލުގެ ގޮތުގައި 421،000 ރުފިޔާ ދިނުމަށް ހުކުމް ކުރިއެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އެ އަދަދު ކުޑަކޮށް ބަދަލުގެ ގޮތުގައި ފަހުމީއަށް ދޭންޖެހޭ އަދަދަކީ 171،000 ރުފިޔާ ކަމަށް ކަނޑައަޅާފައެވެ.

ފަހުމީ ވަނީ ރައީސް ޔާމީންގެ ދައުރުގައި ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

ޚާރިޖީ ވުޒާރާގެ ސްޓޭޓް ވަޒީރުކަމުން ފަހުމީ ވަކިކޮށް އޭނާގެ ނަން މިހާރު ވަނީ ރައީސް އޮފީހުގެ ވެބްސައިޓުން ވެސް އުނިކޮށްފައެވެ. ފަހުމީ ވަކިކުރުމުން ޚާރިޖީ ވުޒާރާގައި ސްޓޭޓް ވަޒީރެއް ގޮތުގައި މިހާރު ހުންނެވީ މުޙައްމަދު ޝަހުދީ އެވެ. އަދި ހަމަ އެފެންވަރުގައި އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައި ޑރ. ޢަލީ ނަޞީރު މުޙައްމަދު ވެސް އެ ވުޒާރާއަށް ޢައްޔަނު ކުރައްވާފައެވެ.