ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް ހަސަން މުޣުނީ ޢައްޔަނު ކުރައްވައިފިއެވެ.
މުޣުނީ އަކީ މިދިޔަ ސަރުކާރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ ދައުރުގައި ހަތަރު އަހަރެއްހާ ދުވަހު ސްޓެލްކޯގެ އެމްޑީކަން ކުރެއްވި މުޣުނީ އެ މަގާމުން ވަކިކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް ހަތަރު އަހަރާއި ގާތްވެފައި ވަނިކޮށެވެ. އެއަށްފަހު އޭނާ ޢައްޔަނު ކުރެއްވީ ތިމާވެއްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކެށެވެ. އިންތިޚާބު ކައިރިވެފައި ވަނިކޮށް މުޣުނީ ވަނީ އެ މަގާމުން އިސްތިއުފާދެއްވައި ސަރުކާރާ ފެޔަށް ޖެހިވަޑައިގެންފައެވެ.
ރައީސް ޔާމީން ސަރުކާރުގައި ވެސް މުޣުނީ ވަނީ އަހަރެއްހާ ދުވަހު، ޖޭޕީގެ ސްލޮޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރުކަން މަގާމު ފުރުއްވާފައެވެ.
މުޣުނީ އަކީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރެއްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާސިމަށް ތާއީދު ކުރެއްވި މުޣުނީ ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވައި، ޖޭޕީ ދޫކޮށް 24 ސެޕްޓެމްބަރު 2023ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއި ކުރައްވާފައެވެ.
މުޣުނީ، ޕީޕީއެމް އަށް ސޮއި ކުރެއްވި ފޯމު ހަވާލުކުރައްވަނީ، ފޮޓޯ: ޕީޕީއެމް
މުޣުނީ ޕީސީބީގެ ބޯޑަށް މިއަދު ޢައްޔަނުކުރެއްވިއިރު، އެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ޙަމްދީ ޢަޤީލް ރޭ ވަނީ ޢައްޔަނު ކުރައްވާފައެވެ. އަދި އިއްޔެ ވަނީ އެ ބޯޑަށް ތިން މެންބަރުން ޢައްޔަނު ކުރައްވާފައެވެ.
މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.
މުޣުނީ އަކީ އަމިއްލަ ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ޕީސީބީގެ ބޯޑަކީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ތަނެކެވެ.
ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އަދި އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!