ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ޑީގައި ރޭ ކްރޮއޭޝިއާ އާއި އާމީނިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކްރޮއޭޝިއާ ކޮލިފައިވެއްޖެއެވެ.
އަމިއްލަ ގައުމުގައި ކުޅުނު މި މެޗު ކްރޮއޭޝިއާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ގްރޫޕް ޑީގެ އެއްވަނަ ހޯދައިގެން ޔޫރޯއިން ޖާގަ ހޯދީ ތުރުކީއެވެ. އެ ޓީމަށް 8 މެޗުން 17 ޕޮއިންޓް ލިބުނުއިރު، ކްރޮއޭޝިއާ ކޮލިފައިވީ މި ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އެ ޓީމަށް 8 މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ. މި ގްރޫޕްގެ ތިންވަނައަށް ދިޔަ ވޭލްސް ޔޫރޯއިން ޖާގަ ހޯދުމަށް ޕްލޭއޮފްގައި ވާދަކުރަން ޖެހޭނެއެވެ. ޕްލޭއޮފް މެޗުތައް އޮންނާނީ އަންނަ އަހަރުއެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 43 ވަނަ މިނެޓުގައި ބޯނާ ސޯސާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ އަންޓޭ މުޑްމިރްއެވެ
ފަހަކަށް އައިސް ތަފާތު ބޮޑު ކުރިއެރުމެއް ހޯދި އެއް ޓީމަކީ ކްރޮއޭޝިއާއެވެ. އެ ޓީމް ވަނީ 2004 ގެ ފަހުން ކުޅުނު ހުރިހާ ޔޫރޯ ފުޓްބޯޅަ މުބާރާތަކަށް ކޮލިފައިވެފައެވެ. އަދި 2010 ވަނަ އަހަރުގެ ފަހުން ކުޅުނު ހުރިހާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކުން ވެސް އެ ޓީމް ވަނީ ޖާގަ ހޯދާފައެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ޓީމަކީ ކްރޮއޭޝިއާއެވެ. އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ވެސް އެ ޓީމުން ވަނީ ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!