ބައިނަލް އަގުވާމީ ރަހުމަތްތެރި ކަމުގެ މެޗުގައި އޮސްޓްރިއާ އަތުން ޖަރުމަނު ބަލިވެއްޖެއެވެ. ރޭ އޮސްޓްރިއާ އަތުން ޖަރުމަނު ބަލިވެފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

ޖަރުމަނުގެ ކޯޗުކަން ނާގަލްސްމަން އާއި ހަވާލުކުރީ މި އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އޭރު އެ މަގާމުގައި ހުރި ހަންސީ ފްލިކްއަށް އެ މަގާމު ގެއްލުނީ ނަތީޖާތައް މާ ބޮޑަށް ދަށްވުމާއި ގުޅިގެންނެވެ.

Ad
rt

އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ޖަރުމަނުގައި ބާއްވާއިރު، ކޯޗަކަށް ނާގަލްސްމަން ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އަމިއްލަ ގައުމުގަ ބާއްވާ މުބާރާތަށް ޓީމް ތައްޔާރު ކުރުމެވެ. ނަމަވެސް އޭނާ ކޯޗުކަމުގައި ޖަރުމަނު މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު މޮޅުވީ އެންމެ މެޗަކުންނެވެ. އެއް މެޗު އެއްވަރުވީއިރު ދެ މެޗުން ވަނީ ބަލިވެފައެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޖަރުމަނުގެ ކޯޗުކަން އޭނާއާއި ހަވާލުކޮށްފައި ވީނަމަވެސް ފާއިތުވި ކުރު މުއްދަތުގައި އެދެވޭ ނަތީޖާއެއް ނުނެރެވި އޭނާއަށް ވަނީ ޕްރެޝަރ ބޮޑުވެފައެވެ.

ރޭ މެޗުގައި އޮސްޓްރިއާއަށް ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ޖަހައިދިނީ ސަބިޓްޒާއެވެ. ޖަރުމަނަށް މެޗުގައި އިތުރު މައްސަލަތައް ކުރިމަތިވީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމްގެ އެޓޭކަރ ލޮރީ ސާނޭއަށް ރަތްކާޑް ދެއްކުމާއި ގުޅިގެންނެވެ. މިއީ އޭނާގެ ކެރިއާގައި ދެއްކި ފުރަތަމަ ރަތްކާޑެވެ. އޮސްޓްރިއާގެ ދެވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓޮފް އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗް ނާގަލްސްމަން ބުނީ ބޭނުންވާ ގޮތަށް ޓީމަށް މެޗުގައި ނުކުޅެވޭ ކަމަށާއި ޖުމްލަކޮށް ހުރިހާ ޕޮޒިޝަނެއްގައި ވެސް މިހާރަށްވުރެ ރަނގަޅަށް ޓީމް މަސައްކަތް ކުރަންޖެހޭ ކަމަށާއި މިއީ ހަގީގަތް ކަމަށެވެ. އޭނާ އިތުރަށް ބުނީ ތަމްރީންތަކުގައި ޓީމް ވަރަށް ރަނގަޅަށް މަސައްކަތް ކުރިނަމަވެސް ދަނޑުމަތީ އެކަން ނުކުރެވޭ ކަމަށާއި، ފުރިހަމަ އިތުބާރާއިއެކު ކުޅުންތެރިންނަށް ނުކުޅެވޭ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ.