ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް، މުޙައްމަދު ޠަލާލް ޢައްޔަން ކުރައްވައިފިއެވެ.

ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަންގެ އެއް ބައިވެރިޔާ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި، ޠަލާލް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައެވެ.

Ad
rt

މިދިޔަ ސަރުކާރުގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވީ މައުރޫފް އަހްމަދު (މާއްޓޭ) އެވެ. ކުރީގެ ރައީސް އަދި އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދި ޑިމޮކްރެޓްސް ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މާއްޓޭ އެ މަގާމުން ވަކިކުރީ 18 ޖުލައި 2023 ގައެވެ.

މިދިޔަ ސަރުކާރުން، ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމިކަން 2020 ވަނަ އަހަރުގެ ޖުލައި މަހު ތެރޭގައި، އޭރުގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަޙްލޫފް ޢިއުލާން ކުރެއްވިއެވެ.

އެއަށްފަހު އެ ކޯޕަރޭޝަން އުވާލަން ކުޅިވަރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ނިޔާޒް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. އެ ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މި ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި މީގެ އިތުރުން ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަން އޭރު އުފެއްދީ، ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ކުޅިވަރު ޗެނަލް ހިންގުމާއި ކުޅިވަރު ކުޅޭ މީހުންގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގައި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ މީހުން އިތުރަށް ކުރިއަރުވައި ތަމްރީން ހޯދާނެ މަގު ހޯދައިދޭށެވެ. ރާއްޖޭގެ ހުރިހާ ކުޅިވަރު ވަސީލަތްތަކެއްގެ މިލްކުވެރިކަމާއި އެ ތަންތަން ބޭނުންކޮށްގެން އާމްދަނީ ހޯދުމަކީ އެ ކޯޕަރޭޝަނުގެ ޒިންމާ އެކެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުން މަތިކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗް މަހުގެ 15 ވަނަ ދުވަހު އެވެ.