ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް ރައީސް އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެެއްވުމާގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެއްބައިވަންތަކަމާއެކު، އެއްޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާޒުގައި މަސައްކަތް ކުރުމަށް އެ އޮފީހުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައްޔިތުންނަށް ފޯކަސްގައި ބަހައްޓައިގެން، ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް، ވެސް ރައީސް ޑރ. މުޢިއްޒު ވަނީ އެދިވަޑައިގަންނަވާފައެވެ.
ރައީސް އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން ފާހަގަކުރައްވަމުން މި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައި ވަނީ، އެ އޮފީހަކީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުމާއި، ބަލަހައްޓަންޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރައްވާ އޮފީސް ކަމަށް ވުމާއެކު، ރައީސް އޮފީސް ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށް ވެސް ރީތި މިސާލެއް ދައްކައިދޭ ތަނެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!