އައިލެންޑް އޭވިއޭޝަންގެ ވަޒީފާ އިން ވަކިކުރި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް 2.2 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށްފަހު މޯލްޑިވިއަން ކުންފުނިން މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންގެ މަގާމުން 2019 ވަނަ އަހަރު އަމީން ވަކިކުރި މައްސަލާގައި އޭނާއަށް ވަޒީފާ އަނބުރާ ދޭން ސިވިލް ކޯޓުން ނިންމި މައްސަލަ މޯލްޑިވިއަން ކުންފުނިން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ނަމަވެސް މޯލްޑިވިއަން ކުންފުނިން ވަނީ 2.2 މިލިއަން ރުފިޔާ އަމީނަށް ދިނުމަށްފަހު ހައި ކޯޓުން މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. އެހެންވެ, ހައި ކޯޓުން ވަނީ މައްސަލާގެ ދައުވާ ފޯމް ބާތިލްކޮށްފަ އެވެ.
ސިވިލް ކޯޓުން ނިންމާފައި އޮތީ އަމީންގެ ވަޒީފާ އަނބުރާ ދިނުމުގެ އިތުރުން ބަދަލުގެ ގޮތުގައި ވަޒީފާ އިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ ހަމަޖައްސައިދޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭންޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!