ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ސީގައި ރޭ ޔުކްރެއިންއާއި އިޓަލީ ބައްދަލުކުރި މެޗު އެއްވަރު ވުމުން އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކޮލިފައި ވެއްޖެއެވެ.

ޔުކްރެއިންގައި ހިގަމުންދާ ހަނގުރާމައިގެ ސަބަބުން ޔުއެފާއިން އެ ގައުމުގައި މެޗުތައް ކުޅުން މެދުކަނޑާލާފައި އޮތުމުން، ރޭ ޔުކްރެއިންގެ ހޯމް މެޗު ކުޅެފައި ވަނީ ޖަރުމަނުގައެވެ. މި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

ގްރޫޕް ސީގެ ކޮލިފައިން މެޗުތައް ރޭ ކުޅެ ނިމިފައިވާއިރު އަށް މެޗުން ލިބުނު 14 ޕޮއިންޓާއި އެކު އިޓަލީ އޮތީ ދެވަނާގައެވެ. ތިންވަނާގައި އޮތް ޔުކްރެއިންއަށް ވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ. ޔުކްރެއިން އަށް އަދި ކޮލިފައިވުމުގެ ފުރުޞަތު މުޅިން ބަންދެއް ނުވެއެވެ. އަންނަ އަހަރު މާޗުމަހު އޮންނަ ޕްލޭއޮފް މެޗުތަކުގައި ރަނގާޅު ނަތީޖާއެއް ހޯދައިގެން ކޮލިފައިވުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ. މި ގްރޫޕުން އެއްވަނަ ހޯދައިގެން ޔޫރޯގެ ޖާގައެއް ކަށަވަރު ކުރީ އިނގިރޭސިންނެވެ.

ރޭގެ މެޗުގައި ޔޫކްރެއިނާއި އިޓަލީން ވެސް ވަނީ ލަނޑު ޖަހާނެ ފުރުޞަތުތައް ތަނަވަސް ކޮށްފައެވެ. ނަމަވެސް ދެ ޓީމަށް ވެސް އެ ފުރުޞަތުތަކުގެ ބޭނުން ނުހިފުނެވެ.

މި މެޗުގައި އެންމެ ގިނަބައެއްގެ ލޯތައް އަމާޒުވީ މެޗުގެ އިތުރު ވަގުތުގައި އިޓަލީގެ އޭރިއާތެރެއިން ޔުކްރެއިންގެ މުޑްރިކް އަތުން ބޯޅަ ހޯދުމަށް އިޓަލީގެ ކްރިސްޓަންޓޭ މަސައްކަތް ކުރުމުގެ ތެރޭ ފައުލް ކޮށްފައިވާ ކަމަށްބުނެ ޔުކްރެރިންގެ ކުޅުންތެރިން އެޕީލް ކުރިކުރުމެވެ. ނަމަވެސް ރެފްރީ ވަނީ އެއީ ފައުލެއް ނޫން ކަމަށް ނިންމާފައެވެ.