މަޝްޙޫރު ކުރެހުންތެރިޔާ މަރިޔަމް ލަޔާލް (ލައިލީ) ގެ ސޯލޯ އެގްޒިބިޝަން "އެކެއް" ނެޝަނަލް އާޓް ގެލެރީގައި ފަށައިފި އެވެ.

ނެޝަނަލް އާޓް ގެލެރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި އެގްޒިބިޝަން ހުޅުވައިދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) ގެ ގަވަރުނަރު އަލްފާޞިލް ޢަލީ ހާޝިމް އެވެ.

Ad
rt

ނެޝަނަލް އާޓް ގެލެރީ އިން މަޢުލޫމާތު ދެއްވި ގޮތުގައި މި އެގްޒިބިޝަން ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހެނދުނު 10 ން ރޭގަނޑު 10 އަށް ކަމަށެވެ.

ކުރެހުންތެރިޔާ ލައިލީ ގެ "އެކެއް - ސޯލޯ އެގްޒިބިޝަން" ބައްލަވާލެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އާދަމް ނަޞީރު އިބްރާހީމް އަދި ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޒިޔާދު ޒިޔާރަތް ކުރެއްވި އެވެ.

އަހަރުމެންގެ ތެރެއިން ގިނަ މީހުން ކުރެހުމަށް ފަންސުރުގެ ބޭނުން ކުރި ނަމަވެސް ލައިލީ މަޝްހޫރުވެފައިވަނީ ގަލަން ބޭނުންކޮށްގެން ކުރަހާ ފަރާތެއްގެ ގޮތުގައެވެ. ލައިލީގެ ބޯލް ޕޮއިންޓު ގަލަމުގެ ކުރެހުމެއް އެންމެ ފުރަތަމަ އާއްމުކޮށް ދައްކާލީ އޭނާގެ އުމުރުން އެންމެ 17 އަހަރުގަ އެވެ. އެ ކުރެހުންތަކުގައި ހިމެނެނީ ރާއްޖޭގެ ސަގާފަތައި ތާރީހީ އެކި ތަކެއްޗެވެ.

އަވައްޓެރި ގައުމުތަކަށް ވެސް ބަައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން މިއަހަރުގެ މޭމަހު ބޭއްވި އިންޓަނޭޝަނަލް ޔޫތު އެންޑް އާޓު ފެސްޓިވަލް 2023 "ފަރުމާ" ގައިވެސް ލައިލީ ވަނީ ބައިވެރިވެފައެވެ.

އިންސްޓަގްރާމުގައި ބައެއް ކުރެހުންތައް އާންމުކޮށް ވިއްކަމުން އަންނަ ލައިލީ އަކީ ހދ. ވައިކަރަދޫ ޒުވާނެކެވެ.