ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ތަފާތު ސަރުކާރެއް ކަމަށާއި ސަރުކާރު ހިންގާނީ "މުއިއްޒު ދުވެލީ" ގައި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
"ވިޒިޓާ އިކޮނޮމީ ކައުންސިލް" ގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚަލީލް އެގޮތަށް ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އާ ކަންކަން ނުހިމެނޭ ކަމަށް ދިވެހި ނޫސްވެރިއަކު ކުރި ސުވާލެއްގައި ފާހަގަ ކުރުމާ ގުޅިގެންނެވެ.
އެ ސުވާލާ ގުޅިގެން ޚަލީލް ވިދާޅުވީ ނޫސްވެރިންނާއި ރައްޔިތުން ވެސް ތިބީ އަބަދު އެއް ވާހަކައެއް އަހާ ގޮސް، އަމަލީ މަސައްކަތެއް ނުފެށޭތީ މާޔޫސްވެފައި ކަމަށެވެ. އެހެންވެ، މާޔޫސީ ސުވާލުތައް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.
"އަދި ވަކިން ހާއްސަކޮށް މި ބޭފުޅުންނަށް މިކަން ވާނެތޯ ތިޔަބޭފުޅުން ސުވާލު އުފައްދާނެ. އެއީ މާޔޫސްވެފައި ތިބީމަ." ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ތަފާތު ވާނެ ކަމަށާއި އަދި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނާ ވެސް ރައީސް މުއިއްޒު ތަފާތު ވާނެ ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ފެށި ދަތުރު ހުންނާނީ "މުއިއްޒު ދުވެލީގައި ކަމަށް ވެސް ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.
"މުއިއްޒު ދުވެލީގައި އަޅުގަނޑުމެން ސަރުކާރު ހިންގަމުން ދާނީ. ހުކުރެއް، ހޮނިހިރެއް، ބަންދެއް ނެތި ވަޒީރުންނާއި އެމްޑީންނާއި ޗެއާމަނުންނާއި އައްޔަން ކުރެއްވި ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވާނީ." ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ހުރި މާޔޫސްކަން ފިލުވާލައި، މައްސަލަތައް ހައްލުކޮށް އުންމީދު ލިބިފައިވާ ރައްޔިތުންތަކެއް އުޅޭ ނަފްސާނީ ބަލިތަކުން ދުރުވެ، އުފަލުގައި އުޅޭ އާއިލާތަކެއް ބިނާކޮށް، ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭ ތަނަކަށް މި ތަން ހެދުން މައިގަނޑު އަމާޒަކީ،" ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ "މުއިއްޒު ދުވެލީ"ގައި ކުރިއަށްދާ އިރު، ނޫސްވެރިންނަށް ވަރަށް ގިނަ އިން ޕްރެސް ކޮންފަރެންސްތަކަށް ދަންނަވާނެ ކަމަށެވެ. އަދި ޕްރެސް ކޮންފަރެންސްތަކަށް ފޮނުވާނެ ނޫސްވެރިން ނެތޭ ބުނާ ހިސާބަށް ވެސް ދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.