އެކުވެރިކަމުގެ މެޗުގައި ރޭ ތުރުކީން ޖަރުމަނު ބަލިކޮށްފިއެވެ. އަމިއްލަ ގައުމުގައި ޖަރުމަނު ތުރުކީއަތުން ބަލިވީ 3-2 ގެ ނަތީޖާއިންނެވެ.
މިއީ މިދިޔަ ސެޕްޓެމްބަރ މަހު ޖަރުމަނުގެ ކޯޗްކަމާއި ހަވާލުވި ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެ ޓީމް ބަލިވި ފުރަތަމަ މެޗެވެ. މިހާތަނަށް އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނުން ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި އެމެރިކާއާއި ބައްދަލުކޮށް މޮޅުވިއިރު ދެވަނަ މެޗުގައި މެކްސިކޯއާއި ވީއެއްވަރެވެ. ތިންވަނަ މެޗުގައި ރޭ ވަނީ ބަލިވެފައެވެ.
ނާގަލްސްމަންއާއި ޖަރުމަނު ޓީމް ހަވާލުކުރީ އޭރު ކޯޗަކަށް ހުރި ހެންސީ ފްލިކް އެ މަގާމުން ދުރުކުރުމަށް ފަހުއެވެ. ފްލިކްއަށް ވެސް އެ މަގާމު ގެއްލުނީ ނަތީޖާތައް މާބޮޑަށް ދަށްވުމާއި ގުޅިގެންނެވެ. ނާގަލްސްމަންއާއި ޖަރުމަނު ޓީމް ހަވާލުކުރީ އަންނަ އަހަރު އެ ގައުމުގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޓީމް ތައްޔާރު ކުރުމަށެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޖަރުމަނުންނެވެ. މި ލަނޑު ފަސްވަނަ މިނެޓުގައި ލޮރީ ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ކައި ހަވާޓްޒްއެވެ. ނަމަވެސް ތުރުކީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ޖަހައިދިނީ ފެރްޑި ކަޑިގްލޫއެވެ. ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާން އައިހަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ކެނަން ޔިލްޑިޒްއެވެ.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓްތެރޭ ޖަރުމަނުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ފުލްކްރޫގްއެވެ. ތުރުކީން މެޗުން މޮޅުވި ލަނޑު 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ޔޫސުފް ސަރީއެވެ.
މި އިންޓަނޭޝަނަލް ބްރޭކްގައި ޖަރުމަނުން އަދި ރަހުމަތްތެރިކަމުގެ އެއް މެޗު ކުޅޭނެއެވެ. އަންނަ އަންގާރަ ދުވަހު ޖަރުމަނު ނުކުންނާނީ އޮސްޓްރިއާ އާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!