ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހެދުމާއެކު، އައިވީއެފް ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމު ހަމަަޖައްސައި، ގެވެށި އަނިޔާ ހުއްޓުވުމަށް ހާއްސަ އިދާރާއެއް ހަމަޖެއްސުމާއެކު ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތައު އަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ.
ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ''ހަފްތާ 14''ގެ ނަމުގައި އާންމު ކުރެއްވި މި ޕްލޭންގައި ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތައު އަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް ހިމަނާފައި ހުރިއިރު އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމަނާފައި ވަނީ ވެރިކަމުގެ ފުރަތަމަ 4 ހަފްތާގެ ތެރޭގައި ކުރާނެ ކަމެއްގެ ގޮތުގައެވެ.
މި ޕްލޭންގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާނެ ހާއްސަ އިދާރާއެއް ހަމަޖެއްސުމަށް ނިންމާފައި ވަނީ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައެވެ. އަދި ފުރަތަމަ 14 ހަފްތާގެ ތެރޭގައި އެއާ އެންބިއުލާންސްގެ ޚިދުމަތް ފަށަން ހިމަނާފައިވާއިރު، ފުރަތަމަ 4 ހަފުތާގެ ތެރޭގައި ތެލެސީމިއާ ކުދިންނަށް ދެވޭ ޚިދުމަތް ފުޅާކޮށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހެދުން ވެސް ހިމަނާފަވެއެވެ.
މީގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ހިމަނާފައިވާ މި ޕްލޭންގައި ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ މެދުވެރިކޮށް އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕް ހެދޭނެގޮތް ހެދުމާއި، ބޭރު ގައުމުތަކުގެ ހޮސްޕިޓަލް ބަދަލުކުރުމަށް ނަގާ ފީ އާސަންދަ މެދުވެރިކޮށް ހަމަޖައްސައިދީ، ނަފްސާނީ ބަލިތަކުގެ މީހުންނަށް 24 ގަޑިއިރު ބޭސް ލިބޭނެ ގޮތް ހެދުމަށް ގައުމީ ހެލްޕް ލައިނެއް ގާއިމު ކުރުން ހިމެނެއެވެ.
މި ޕްލޭންގައި މި މުއްދަތުގައި ދައުލަތުން ބަލަހައްޓާ ކުދިންނަށް ''ކޮންމެ ކުއްޖަކަށް ޢާއިލާއެއް'' ޕްރޮގްރާމް ފެށުމާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތެއް އެކުލަވައިލުމާއި، ވަޒީފާގައި ހުންނަން އެދޭ އުމުރުން 65-75 އަހަރާއި ދެމެދުގެ މީހުންނަށް ކޮންޓްރެކްޓް އުސޫލުން ވަޒީފާގައި ދެމި ހުރެވޭނެ އިންތިޒާމް ހަމަޖައްސައި، އިސްރަށްވެހިންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި އަދި މީހުން އުޅޭ ކޮންމެ ރަށެއްގައި ލެބޯޓަރީއެއް ޤާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމަނާފަ ވެއެވެ.
މީގެ އިތުރުން ވެސް ސިފައިންނާއި ފުލުހުންގެ ފްލެޓް ތަކުގެ ކުލި 1 އަހަރަށް ފަސްކޮށްދިނުމާއި، ހިޔާ ކޮންމެ ޓަވަރެއްގައި 2 ލިފްޓް އިތުރު ކުރުމާއި އަދި މާލޭގެ މަގުތަކުގައި ގިނަވެފައިވާ ބުޅާތަކަށް ހާއްސަ ފެސިލިޓީއެއް ހެދުން ފަދަ ގިނަ ކަންތައްތަކެއް މި ޕްލޭންގައި ހިމަނާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!