ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި ދިވެހި ޤައުމީ ތަރިކަ ދިރާސާ މަރުކަޒު ގާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމަނައިފިއެވެ.

ރޭ ނެރުނު މި ޕްލޭންގައި ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖު ގާއިމުކުރުމުގެ މަސައްކަތް ފަށަން ހިމަނާފައި އޮތީ ފުރަތަމަ 14 ހަފުތާގެ ތެރޭގައެވެ. އަދި ދިވެހި ޤައުމީ ތަރިކަ ދިރާސާ މަރުކަޒު ގާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމަނާފައި އޮތީ ފުރަތަމަ 9 ހަފުތާގެ ތެރޭގައެވެ.

Ad
rt

މީގެ އިތުރުން ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ދިވެހި ޤައުމީ ޗާޕުޚާނާ ޤާއިމު ކުރުމުގެ މަސައްކަތްފެށުން ވެސް ހިމަނާފަ ވެއެވެ.

މި ޕްލޭންގެ ''އިސްލާމްދީނާއި ޤައުމިއްޔަތު''ގެ ބައިގައި މީގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ހިމަނާފައި ހުރިއިރު، މެދު ނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމު ކުރުމާއި، މިސްކިތްތައް ބެލެހެއްޓުމަށް ދައުލަތުގެ ބަޖެޓުން އިތުރު ފައިސާ ހަމަޖެއްސުން ވެސް ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފެށުމަށް ހިމަނާފަ ވެއެވެ.

މީގެ އިތުރުން އިސްލާމް ދީނާއި، ޤައުމިއްޔަތާއި ދިވެހި ތާރީޚާއި ސަގާފަތަށް ދަރިވަރުން އިސްކަންދޭ މިންވަރު އިތުރުކުރުމަށް ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމާއި، ފުރަތަމަ 4 ހަފުތާގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ އިޔާދަކޮށް އާލާކުރުމަށް ބޭނުންވާނެ މަޝްރޫޢުތައް އެކަށަހަޅައި، އެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާނެ އިބުތިދާއީ މަސައްކަތް ފެށުން ހިމަނާފަ ވެއެވެ.

ރޭގެ ޖަލްސާގައި އިންތިޚާބީ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކެމްޕޭންގައި ދެއްކި ކޮންމެ ވާހަކަފުޅެއް، ކޮންމެ ޖުމްލަ އެއް ''އިރާދަކުރެއްވިއްޔާ'' ރައްޔިތުންނަށްޓަކައި ގުޅިގެން ހާސިލުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވައުދުތައް ފުއްދެވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިތުބާރާއެކު ވިދާޅުވެފަ ވެއެވެ.