ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އެއް ނައިބު ލީޑަރުކަމުގެ މަގާމުގައި ހުންނެވި އިގްބާލް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައި އެ ޕާޓީން ވަކިވެއްޖެއެވެ.
އިގްބާލް މަގާމުން އިސްތިއުފާ ދެއްވައި ޖޭޕީން ވަކިވެފައިވާކަން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހްމަދު ‘’ތިލަދުން’’ އަށް ކަށަވަރުކޮށް ދެއްވިއެވެ.
އިގްބާލު ޖޭޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ ދެއްވައި، އެ ޕާޓީން ވަކިވި ކަމުގެ ސިޓީ ޖޭޕީ އަށް ފޮނުވާފައި ވަނީ މިއަދު އެވެ.
އިގްބާލް ޖޭޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ ދެއްވައި، އެ ޕާޓީން ވަކިވެވަޑައިގެންފައި ވަނީ އައު ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަތުމަށް ކަމަށް މައުލޫމާތު ލިބެއެވެ. އިގްބާލް ވަޑައިގަންނަވަނީ ރިޔާސީ ގަނޑުވަރުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ކަމަށް ވަނީ އަޑު ފެތުރިފައެވެ.
އިގްބާލް އަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެބެންގެ ދެދަރި ބޭބެ އެކެވެ.
އިގްބާލް ޖޭޕީގެ ނައިބު ލީޑަރަކަށް އިންތިޚާބުވީ 26 ފެބްރުއަރީ 2023 ގައެވެ.
ޖޭޕީގައި އިތުރު ހަތަރު ނައިބު ލީޑަރުން ތިއްބަވައެވެ. އެއީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ކުރީގެ ނައިބު ރައީސް އަމީން އިބްރާހިމާއި، ފުވަމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް އަދި ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!