2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ދެ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ.

Ad
rt

ރިޔާސަތުން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ޖަލްސާ ފެއްޓެވުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރަށް ފުރަތަމަ ފުރުސަތު އެރުވީ މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅާށެވެ.

މި ފުރުސަތާއެކު މަޖިލީހުގެ ޑިމޮކްރެޓިކްސްގެ މެންބަރުން ކަމަށްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދުﷲ އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވާފައެވެ.

އެ ބޭފުޅުން ފާހަގަކުރެއްވި މައިގަނޑު މައްސަލައަކީ ފިނޭންސް މިނިސްޓަރު ސުޕްރީމް ކޯޓުގެ ހުކުމާއި ޚިލާފް ވެފައިވާ ކަމަށާއި އަދި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ. ނިޒާމީ ނުކުތާގައި ނަޝީދު ވަނީ ފިނޭންސް މިނިސްޓަރުގެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ގޮވައިލައްވާފައެވެ.

މަޖިލީހުގެ ތަޅުމުން ހަޅޭކުގެ އަޑު ނުކެނޑި ހުރިނަމަވެސް، ފިނޭންސް މިނިސްޓަރު އަމީރު ވަނީ މި އަދަށް އެޖެންޑާގައި އޮތް ދެ ބަޖެޓު ވެސް މަޖިލީހަށް ހުށަހަޅުއްވައި ދެއްވާފައެވެ.

މިގޮތުން މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ފައިސާ އެވެ. ސަޕްލެމްޓަރީ ބަޖެޓާއެކު މި ހިނގަމުންދާ އަހަރުގެ ޖުމުލަ ބަޖެޓު 49.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގެ ޖުމްލަ އަކީ 49.5 ބިލިއަން ރުފިޔާ އެވެ.