އާ ސަރުކާރުގެ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބަވާނީ އަންހެނުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ނޫސްވެރިންގެ ގުންޒަރު" ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ސަރުކާރުގެ ތެރޭގައި އަންހެނުންގެ ހިއްސާ ބޮޑު ކުރާނެ ވާހަކަ ކަމަށެވެ. އެގޮތުން މިފަހަރު ދައުލަތު މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ad
rt

"އިރާދަކުރެއްވިއްޔާ ދައުލަތުގެ މަދުވެގެން 8 ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާނީ، އަށް އެސްއޯއީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާނީ އަންހެން ބޭފުޅުން. މިއީ މިހާތަނަށް އެންމެ ގިނަ އަދަދު،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ވާދަކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ސަރުކާރުން އަންހެން ބޭފުޅުންނަށް ފަހި ފުރުސަތުތަކެއް ފަހިކޮށް ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އަންހެން ބޭފުޅުން މަތީފަޑީގަ ޓޮޕް މެނޭޖްމަންޓުގަ އިތުރު ކުރުމަކީ އަޅުގަނޑުވީ ވައުދެއް. އެކަން ކުރަން ބޭނުންވަނީ އަންހެން ބޭފުޅުންނަކީ ދައުލަތް ހިންގުމުގަ ފުރިހަމަ ހިއްސާ ދެވެންޖެހޭ ބައެއް ކަމުގަ އަޅުގަނޑު ގަބޫލު ކުރާތީ އަޅުގަނޑު ބޭނުން ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައިވެސް ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވާން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ކެބިނެޓްގައި ވަޒީރުންނަށް ތިއްބަވާނެ ބޭފުޅުންގެ ލިސްޓެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެ ލިސްޓުގައި ތިން ވުޒަރާއެއްގެ މިނިސްޓަރުންނަށް ތިއްބެވީ އަންހެން ބޭފުޅުންނެވެ.