އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިކަމުގެ ރޮނގުން ހިލޭ ކިޔެވޭނެ ސްކޮލާޝިޕްގެ ފުރުސަތު، ނޫސްވެރިންނަށް ފަހިކޮށްދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނާއެކު ރޭ މާލޭ ސޯސަލް ސެންޓަރުގައި ބޭއްވި ބައްދަލުކޮށްލެއްވުމެއްގައެވެ.
''ނޫސްވެރިންގެ ގުންޒަރު''ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ އިތުރުން، އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، އައު ސަރުކާރުގެ ކެބިނެޓާއި، ރައީސް އޮފީހަށް އައްޔަނުކުރައްވާ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކަށް އައްޔަނުކުރާ ވެރިންނާއި އަދި އައު ސަރުކާރުގައި މީޑިއާ އާއިގުޅުންހުރި މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން އައްޔަނުކުރާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި ފުރަތަމަ ފުރުސަތު ދިނީ ނޫސްވެރިންގެ އިހުސާސްތައް އިއްވައި، އެ މީހުންގެ ކަންބޮޑުވުންތަކާއި އަދި އައު ސަރުކާރުގެ ފުށުން އެމީހުން އެދޭ ކަންކަމުގެ މައްޗަށް ޚިޔާލުފާޅުކުރުމަށެވެ. މި ފުރުސަތުގައި ރާއްޖޭގެ ބޮޑެތި ގިނަ މީޑިއާތަކުން ވަނީ ޚިޔާލު ފާޅުކޮށްފައެވެ.
މީޑިއާތަކުން ޚިޔާލުފާޅުކުރި ބައެއް ނޫސް މަޖައްލާ/ޓީވީ ތަކުގެ ވެރިން ވަނީ ސަރުކާރުން ނޫސްވެރިން ތަމްރީނުކުރަން އިސްކަންދޭ މިންވަރު ކުޑަކަން ފާހަގަކުރައްވައި، ނޫސްވެރިން ތަމްރީނު ވުމަށް އޮތް ހަނި ފުރުސަތުގެ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
ނޫސްވެރިންގެ އަޑު އެއްސެވުމަށްފަހު އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ، ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ހިލޭ ސްކޮލާޝިޕް ދީގެން ކިޔެވޭނެ އިންތިޒާމް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އިންތިޚާބީ ރައީސް ރޭ ވަނީ، މީޑިއާއަށް އޮތް މާލީ ދަތިކަން ހައްލު ކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތައް މީޑިއާތަކަށް ދޭން ކަނޑައަޅާ ފައިސާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ބަޖެޓް ކޮމެޓީގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ހިންގާއިރު، އެކަމަށް ޖާގަ ދެއްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރޭ ބޭއްވި ''ނޫސްވެރިންގެ ގުންޒަރު''ގައި ގިނަ އަދަދެއްގެ އޮންލައިން މީޑިއާތަކާއި، ރާއްޖޭގެ ބްރޮޑްކާސްޓިން ދާއިރާގެ ނޫސްވެރިންނާއި، މަޖައްލާތަކުގެ ނޫސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!