ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިޚާބު ކުރުމަށް އޭނާގެ ނަން ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިރޭ ފާސްކޮށްފިއެވެ.

މަޖިލީހުގެ ރައީސް އިންތިޚާބު ކުރާ ޖަލްސާ ތާވަލުކޮށްފައި ވަނީ މިރޭ 22:00 އަށެވެ.

Ad
rt

މަޖިލީހުގެ ރައީސް އަކަށް އަސްލަމް ގެންނަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްތިފާގުވެފައިވާ ކަމަށް އެމްޑީޕީގެ ޕީޖީ މެންބަރަކު “ތިލަދުން” އަށް ޔަގީންކޮށް ދެއްވިއެވެ.

މަޖިލީހުގެ ރައީސެއް އިންތިޚާބު ކުރަން އެމްޑީޕީން ނަމެއް ހުށަހަޅަން ދެން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅުނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)ގެ ނަމެވެ.

އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުން އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި އަސްލަމް މަޖިލީހުގެ ރައީސްކަމަށް ގެންނަން ނިންމާފައިވާއިރު، އަސްލަމް ގެ ނަމަކީ 19 ވަނަ މަޖިލީހުގެ ފުރަތަމަ ރައީސަކަށް ގެންނަންވެސް އެމްޑީޕީން އެންމެ ކުރިއަށް ނެރުނު އެއް ނަމެވެ. ނަމަވެސް ފަހުވަގުތު މަންޒަރު ބަދަލުވެ، މަޖިލިސް ރައީސް ކަމަށް ވަޑައިގަތީ އޭރު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު އެވެ.