ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް ސިއްހީ ހާލު ހުރި ގޮތުން ވަޑައިގެންނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލިހަށް އަންގަވައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފިނޭންސް މިނިސްޓަރު އަމީރު ފޮނުއްވި ސިޓީގައި ވިދާޅުވީ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ތާވަލުކޮށްފައިވީ ނަމަވެސް ބަލިހާލަތު ހުރިގޮތުން ހާޒިރުވެވެން ނެތް ކަމަށެވެ.

Ad
rt

"13 ނޮވެމްބަރު 2023 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުއްވުން އޮތް ކަމުގައި ވީ ނަމަވެސް އަޅުގަނޑުގެ ބަލިހާލަތު ހުރި ގޮތުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވެން ނެތްވާހަކަ ހިތާމައާއެކު ދެންނެވީމެވެ،" ސިޓީގައިވެއެވެ.

ބަޖެޓު ހުށަހަޅަން ފުރަތަމަ އެޖެންޑާކުރި ޖަލްސާއަށް ވަޑައިނުގެންނެވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނިންމެވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނުނިންމައި އެހެން މަސައްކަތެއް މަޖިލީހުގެ ތެރެއިން ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ދެއްވި ލަފައަކާ ގުޅިގެންނެވެ.

މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ 1 ނޮވެމްބަރުގެ ކުރިން، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލިހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް މަޖިލީހުގެ ޖަލްސާ ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ. އެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް ވެސް ވަނީ ހުށަހަޅަން ނިންމައިފައެވެ.