ކެމިކަލް ހުރިކަން ކަށަވަރުވެ، ރޯގާއަށް ދޭ ދިޔާ ބޭހެއްގެ ހުރިހާ ބެޗެއްގެ ބޭސް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.
އޮކްޓޯބަރު، 2022 އިން ފެށިގެން ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެލާޓް ނެރެފައިވާ ކަމަށާއި، އެ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަރުހަލާ ކުރިއަށް ދާތީ، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރެވެންދެން މި ބޭހުގެ ބައެއް ބެޗުގައި ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުން މަނާކުރީ މި ނޮވެމްނަރު މަހުގެ 7 ވަނަ ދުވަހުއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ވިދާޅުވީ، ކެއްސުމާއި ހުމުގެ ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭތޯ ރާއްޖޭގެ ބޭސް ފިހާރަތަތަކުން ސާމްޕަލް ނަގައި ޓެސްޓުކުރިއިރު ''ފާމިކްސް ލެބޯޓަރީސް، ޕާކިސްތާނު'' އިން އުފައްދާ ސިޓްރިޒަން އޯރަލް ލިކުއިޑް 5އެމްޖީ/5އެމްއެލް ގެ ބްރޭންޑެއް ކަމަށްވާ Alergo ގެ ބީ220 ބެޗުގައި ކެމިކަލް ހުރިކަން ކަށަވަރު ވެފައި ވާތީ ނޮވެމްބަރު 7 ވަނަ ދުވަހު އެކަން ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެހެންކަމުން މި ބޭހުގެ ހުރިހާ ބެޗެއް ސްކުރީން ކުރިއިރު، ހުރިހާ ބޭހެއްގައި ވެސް ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ކެމިކަލް އެކުލެވޭކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ވިދާޅުވެއެވެ.
''ވީމާ މިއަދުން ފެށިގެން މި ބްރޭންޑުގެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގައި ޢިއުލާން ކުރަމެވެ.'' އެމްއެފްޑީއޭ އިން ވިދާޅުވެފަވެއެވެ.
މިކަމަށް ބޭސް ގެންނަ އަދި ބޭސް ވިއްކާ ފަރާތްތަކާއި، އެންމެހާ ރައްޔިތުން ސަމާލުވުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފައިވާއިރު، މި ބޭސް އެތެރެކޮށްފައިވާ ފަރާތްތަކާއި، ބޭސް ވިއްކުމަށް ގަނެފައިވާ ފަރާތްތަކުން ބޭސް ނައްތާލުމުގެ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް އެ އެޖެންސީން ވަނީ އެދިލައްވާފައެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!