ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރާއި ދެމެދު ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭގޮތުން ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާ ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށައަޅައިފި ކަމަށް އޭޖީ އޮފީހުން ބުނެފިއެވެ.
ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ދެމެދު ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭގޮތުން އެއްބަސް ވެފައިވަނީ 18 ޖަނަވަރީ 2013 ވަނަ ދުވަހު ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ.
މިއެއްބަސްވުމާ ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް 18 ޑިސެމްބަރ 2019 ގައި ހުށަހަޅައިފިކަމަށް އެ ކުންފުނިން ވަނީ ސަރުކާރަށް އަންގާފައެވެ.
މިމައްސަލައާއި ގުޅިގެން އޭޖީން މިއަދު އާންމުކުރި ބަޔާނެއްގައި ވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ނޯޓިސް އޮފް އާބިޓްރޭޝަންގައި ބަޔާންކޮށްފައިވާ ގޮތުން އެ މައްސަލައަކީ، ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދީ އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް ޢިމާރާތް ތަރައްޤީކުރުމަށް ސަބް-ލީސް ކުރުމަށް އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު 18 ޖަނަވަރީ 2013 ގައި ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުށިދިއްގަރު ފަޅު ސަރުކާރުން އެފަރާތަށް ދޫކޮށްފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.
އަދި މި މައްސަލައާ ގުޅިގެން އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ޚަރަދުތައް ހޯދުމަށް ވަނީ އެދިފައެވެ. އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާކަމާއި، އާބިޓްރޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބިދޭ ކަމެއްކަން ފާހަގަ ކުރާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މާލޭގެ ދެކުނުން އަދި ކ. ގުޅީގެ އުތުރުން އޮންނަ 1،475 ހެކްޓަރުގެ ބޮޑު ފަޅުގައި، ސްޕެޝަލް އެކޮނޮމިކް ޒޯނެއްގެ ބާރު ލިބިގެން ޓޫރިޒަމް ތަރައްގީކުރަން ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދަން ވަހީދުގެ ސަރުކާރުގައި އެއްބަސްވުމެއް ހެދި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މާޗު 2016 ގައި، އޭސީސީން ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވަނީ، އެކިއުޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ލިބުމުގެ ކުރިން އެއްބަސްވުން ޖޮއިންޓް ވެންޗާ ކުންފުނި ނުއުފައްދާށެވެ.
އޭގެ ފަހުން މުއާމަލާތްތައް އޮތީ ހުއްޓިފަ އެވެ. އެކަމަކު އެއްބަސްވުން އުވާލިކަން އެއްވެސް ސަރުކާރަކުން ބުނެފައެއް ނުވެއެވެ. އޮކްޓޯބަރު 30، 2016 ގައި ސަރުކާރުން އިއުލާންކުރީ ފުށިދިއްގަރުފަޅު، 72 މިލިއަން ޑޮލަރަށް ވިއްކާލާށެވެ.
އެ ފަޅު އެ އަގުގައި ވިއްކިފައި ނުވާއިރު މިދިއަ ރިޔާސީ އިންތިހާބުގެ ކުރިން އޭރުގެ ސަރުކާރުން އިއުލާާންކުރީ ފުށިދިއްގަރުފަޅު ހިއްކައިގެން މާލޭ ސަރަހައްދުގައި އިތުރު ބޯހިޔާވަހިކަމަށް ހުޅުވާލާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!