ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި ނެތިއްޔާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ކަންކަން ކުރިއަށް ދާނީ ރީތިކޮށް ކަމަށް މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާ ގުޅިގެން ނަޝީދު ''އެކްސް''ގައި ވިދާޅުވީ، އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީން ރާވަމުން ދިޔަ ރޭވުން ފެއިލް ވެފައިވާ ކަމަށެވެ. އަދި އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށް ވެސް މިވަގުތު ދުބާއީގައި ހުންނެވި ނަޝީދު ވިދާޅުވިއެވެ.

Ad
rt

ނަޝީދުގެ އެ ޕޯސްޓަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ އިތުބާރު ނެތް ރައީސަކު ރިޔާސަތުގައި ނެތިއްޔާ ހުވާ ކުރުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށެވެ. އިތުބާރު ނެތް ރައީސެއްގެ ރިޔާސަތު ބައިންދައިގެން ރީތިކޮށް ކަންކަން ގެންދަން ސުޕްރީމް ކޯޓްގެ ހުކުމުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވޯޓަށް ފިލައިގެން ކިހާ ދުވަހަކު އުޅޭނަމޭ ހިތާތޯ ތި އުޅުއްވަނީ،؟" ރޮޒައިނާ ސުވާލު ކުރެއްވެވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނެތަސް، މަޖިލީހުގެ ރައީސް ވަކިކުރުމާ ގުޅޭ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން މިހާރު ވަނީ އެޖެންޑާކޮށްފައެވެ.

އާދިއްތަ ދުވަހުގެ އެޖެންޑާ މަޖިލިހުގެ އިދާރާ އިން ނެރުނު އިރު، އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ ވެސް ނަޝީދާ ދެކޮޅަށް ހުށަހެޅި ގަރާރުގެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީ މަޖިލިހަށް މައްސަލަ ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. އެ މައްސަލަ މަޖިލިހުގައި ނުހިނގާތާ މިހާރު ދެ ހަފްތާ ވެފައި އޮއްވައި ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އަށް ހައްލެއް ގެނެސްދީފައެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ގެންދަން ޖެހޭނެކަން މި ޙުކުމްގައި ފަހަގަކޮށްފައިވާއިރު، މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލާގައި އެޖެންޑާކުރެވޭ ގަރާރު ހުށަހަޅާ ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި، ގާނޫނުންނާއި، ރައްޔިތުންގެ މަޖިލިސްގެ ގަވާއިދުގެ ދަށުން ލާޒިމްކުރާ އެހެނިހެންކަންކަން ކުރަން ޖެހޭނެ ކަމަށާއި، އެ މައްސަލާގައި އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ހުކުމުގައިވެއެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމުގައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބެލެހެއްޓޭ މެމްބަރުން ރިޔާސަތުގައި ތިބެގެން މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.