''ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން'' ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ޗައިލްޑް އެބިއުސް ޕްރެވެންޝަން ސޮސައިޓީ (ސީއޭޕީއެސް) އިން މަސައްކަތް ފަށައިފިއެވެ.
އެ ޖަމިއްޔާގެ ފޭސްބުކް ޕޭކުގައި ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާއިން ''ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން'' ބާއްވާ އިވެންޓެއް މި މަހުގެ 10 ވާ ހުކުރުދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތް ބާއްވަން ނިންމާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭގެ އޮލިމްޕަހުގައެވެ. މި ހަރަކާތް ބަލައި އަޑުއަހާލަން ވަނުމުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.
''ފަލަސްތީނަށް އެހީވުމަށް އަޅުގަނޑުމެންގެ ގާރީންނާއެކު ވަގުތުކޮޅެއް، އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ކިޔެވުން ވެސް އިވިގެންދާނެ، އެކި ރާގުތަކަށް ކިޔެވުން އަޑުއަހާލުމަށް ވަގުތުކޮޅެއް ހޭދަކޮށްލައިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދުނުމަށް ފުރުސަތެއް'' މި ހަރަކާތް އޮންނާނެކަން އަންގައި އެ ޖަމިއްޔާ ކޮށްފައިވާ ޕޯސްޓުގައި ބުނެފަވެއެވެ.
މި ހަރަކާތުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ނިންމާފައި ވަނީ ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ މުހުތާދުތައް ފުއްދުމަށެވެ.
ނިރުބަވެރި އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ކުށެއްނެތް ފަލަސްތީނުގެ 10 ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި އެތަކެއް ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އަދި ނިރުބަވެރި އިސްރާއީލުން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ އެތައް ގެދޮރެއް ސުންނާފަތިކޮށް، އަސާސީ ޚިދުމަތްތަކުން ވެސް މަޙްރޫމް ކުރަމުންނެވެ.
ފަލަސްތީނަށް އެހީވުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަންޑު ރައިޒިން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!